ޚަބަރު

ކުރީގެ ރައީސުން ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ރައީސްކަން ކުރައްވައި މިހާރު ދުނިޔޭގައި ތިއްބެވި ކުރީގެ ހުރިހާ ރައީސުން ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. ކުރީގެ ރައީސް މައުމޫނާއި، ރައީސް ނަޝީދު އަދި ރައީސް ވަޙީދު ވަނީ ޖުމްހޫރީ ދުވަހުގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ފާޅުކުރައްވާފައެވެ.

ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަނީ ރަސްކަމުގެ ނިޒާމަކަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެންދިޔަ ތާރީޚުކަމަށްވާ 11 ނޮވެމްބަރ 1968 އަށް ނިސްބަތްކޮށެވެ. ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ރަންޔޫބީލް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ކުރީގެ ރައީސުން ގެންދަވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވަހުގެ ޝުއޫރުތައް ފާޅުކުރައްވަމުންނެވެ.

ޖުމްހޫރީދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދެވަނަ ޖުމްހޫރިއްޔާގެ 2 ވަނަ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ޤައުމީ މަސްލަޙަތުތަކަށް އިސްކަންދޭ، ދުރު ވިސްނޭ ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކާ ކުރީގެ ލީޑަރުންނާއި ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަކީ ރައްޖޭގެ ޖުމްހޫރީ ޙަޔާތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމް އެންމެ ދިގު މުއްދަތަކަށް އަދާކުރެއްވި ރައީސެވެ. ރައީސް މަޢުމޫން ވަނީ 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ވިދިވިދިގެން 5 އަހަރުގެ 6 ދައުރު ފުރިހަމަ ކުރައްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މަޢުމޫން ކުރެއްވި ޓުވީޓް

މިދުވަހާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓުވީޓުގައި ޖުމްހޫރީ ނިޒާމަކީ އެވޭލާ ރޯމްގެ ނިޒާމެއްކަމަށާއި، އެމެރިކާގެ ދާހިލީ ހަނގުރާމައާއި، ފަރަންސޭސި އިންޤިލާބުގެ ސަބަބުން މި ފަލްސަފާއަށް އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 40 އަހަރުގެ ތެރޭގައި ވެރިކަން ބަދަލުވީ އެންމެ 2 ފަހަރުކަމަށާއި، މިއަދަކީ 3 ވަނަ ފަހަރަށް ވޯޓުން ވެރިކަން ބަދަލުވާންޖެހޭ ދުވަސްކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ރައީސް ނަޝީދުވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، "ވެރިއެއްގެ ނިމުން" މި ނަމުގައި އެމަނިކުފާނު 2003 ވަނަ އަހަރު ލިޔުއްވާފައިވާ އާޓިކަލެއްވެސް ހަނދާނާއި ތާރީޚަށްޓަކާއި ސޯޝަލް މީޑިއާގައި ޙިއްޞާކުރައްވާފައެވެ. މި އާޓީކަލަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރައީސްކަންކުރެއްވި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަންބަދަލުވާން މެދުވެރިވި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ލިޔުއްވާފައިވާ އާޓިކަލެކެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އައު ޤާނޫނުއަސާސީގެ ދަށުން މަލްޓި-ޕާޓީ ޑިމޮކްރަޓިކް ނިޒާމެއް ރާއްޖޭގައި ތައާރަފްކުރިފަހުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓުވީޓު

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުވެސް ވަނީ އެމަނިކުފާނުގެ ޝޫޢުރުތައް ޓުވިޓަރ މެދުވެރިކުރައްވާ ހިއްސާކުރައްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިނިކު ކުރެއްވި ޓުވީޓު

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ޑރ. ވަޙީދު ކުރެއްވި ޓުވީޓުގައި ވަނީ ޤައުމުގެ ތަރައްޤީއަށް ކުރީގެ ރައީސުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވާ، ހުރިހާ ރައީސުންނަށް ޙާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ޤައުމައިގެން ކުރިއަށް ވަޑައިގަތުމުގެ ރޫޙުގައި އިންތިޙާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ކާމިޔާބު ރިޔާސީ ދަޢުރަކަށް އެދިވަޑައިގަންނަވާކަމަށްވެސް ޑރ. ވަހީދު ވަނީ ވިދާޅުވެފައެވެ.