ޚަބަރު

ކޮންމެ ރަށެއްގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުން ދޫކޮށްލަންޖެހޭ - ރައީސް ނަޝީދު


ކޮންމެ ރަށެއްގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުން ދޫކޮށްލައި، ހަރުދަނާ، އަގުހެޔޮ ފެރީގެ ނިޒާމަކުން ރައްޔިތުންނަށް މާ ފައިދާ ބޮޑުކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށު ރައްޔިތުންގެ ކަނބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވައިގެ މަގުން ކުރާ ދަތުރުތަކަށް ކުރަންޖެހޭ ޚަރަދު ބޮޑު ކަމުގެ ޝަކުވާ ރައްޔިތުން ކުރާކަމަށެވެ. ފްލައިޓް ދަތުރުތަކަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ޓިކެޓްގެ އަގު ބޮޑުވާކަމަށާއި، އެކަށީގެންވާ ހަލުވި ފެރީގެ ނިޒާމަކުން ދަތުރުފަތުރުގެ ދަތިކަން ހައްލުކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އައު ސަރުކާރުން ދިއްދޫގައި އެއަރޕޯޓެއް އެޅުމުގެ ވިސްނުން ގެންގުޅޭތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަށް މީހުން އެދުނަސް އެއީ ތަރައްޤީގެ ރަނގަޅު ތަޞައްވަރެއް ނޫންކަމަށެވެ.

އެގޮތުން ދިއްދޫގައި އެއަރޕޯޓެއް އެޅުމުގެ ބަދަލުގައި ހެޔޮ އަގެއްގައި ފެރީގެ ނިޒާމު ފެށި 50 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައި ދިއްދޫން މާލެ ދެވޭނެ ގޮތްވުން މާބޮޑަށް ރަގަޅުވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ލިބެމުންދާ ޚިދުމަތްތައް އައު ސަރުކާރުން އިތުރަށް ފުރިހަމަކޮށްދެއްވާނެކަމަށާއި، ޑަޔަލިސިސްގެ ޚިދުމަތްވެސް ވީ އެންމެ އަވަހަކަށް ލިބޭނެގޮތް އައު ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހއ. ދިއްދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށު އެމްޑީޕީ އޮފީސްވަނީ ހުޅުއްވައިދެއްވާފައެވެ. އަދި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ. އަދި ރޭ އެރަށު އަންހެނުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ޚާއްޞަ ޖާފަތެއް އަރުވާފައެވެ.