ޚަބަރު

ދިއްދޫ "ޖަޒީރާ ޕާރކު" ރައީސް ނަޝީދު ހުޅުއްވައިދެއްވައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ ދިއްދުއަށް ވަޑައިގެން އެރަށު "ޖަޒީރާ ޕާރކު" ހުޅުއްވައިދެއްވައިފިއެވެ.

ޖަޒީރާ ޕާރކު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިއްދޫ ރައްޔިތުން ދެއްކެވި ރީތި މިސާލުގެ ސަބަބުން އެމަނިކުފާނަށް އެނބުރި ޤައުމަށް ވަޑައިގެން ލޮބުވެތި ޢާއިލާއެކުގައި ދިރިއުޅުމުގެ ފުރުޞަތު ފަހިވެފައިވާތީ ދިއްދޫ ރައްޔިތުންނަށް ޝުކުރު ޢަދާ ކުރާ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފަނޑިޔާރުންނާއި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޙައްޤުމަގުން ކައްސާލައިގެންދަނީ ރިޝްވަތުގެ ފައިސާދެމުންދާ ފަރާތްތަކުގެ ސަބަބުންކަމާއި މިކަންކަން އިޞްލާޙުވާނީ ރިޝްވަތުގެ ފައިސާ ދެމުންދާ މަހުޖަނު ވިޔަފާރިވެރިން އިޞްލާޙުކުރެވިގެންކަމަށް ވިދާޅުވިއެވެ.
އަދި ހަމަ ކޮންމެ ރައްޔިތަކީވެސް ޙަލާލުގޮތުގައި ދެފުށް ފެންނަގޮތައް ފައިސާ ހޯދާ މީހަކަށްވުމަށް ރައީސް ނަޝީދު އިލްތިމާސްކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ކޯލިޝަނުން ހޮވިފައިވާ އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ރައްޔިތުންގެ ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށާއި މި ވަޢުދުތައް ފުއްދިއްޖެނަމަ ރައްޔިތުންގެ ދިރިއުޅުން އުފާވެރިވެގެންދާނެކަމަށް ވިދާޅުވިއެވެ.

މިޕާރކަކީ އެމްޑީޕީ ދިއްދޫ ދާއިރާއިން އިސްނަގައިގެން ހަދާފައިވާ ޕާކެކެވެ. ދިއްދޫގެ ބަނދަރު ޞަރަޙައްދުގައި ތަރައްޤީކޮށްފައިވާ މި ޕާރކަކީ ދިއްދޫގެ ކުދި ބޮޑު ރައްޔިތުން ހިތްހަމަ ޖައްސާލައި ވަގުތު ހޭދަކުރުމަށްޓަކައި ތައްޔާރުކުރި ޕާރކެކެވެ. މީގެ އިތުރުން ދިއްދުއަކީ އަތޮޅު ވެރިކަންކުރާ ރަށަށްވެފައި އެއަތޮޅަށް ޒިޔާރަތްކުރާ އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މި ޕާރކު ހުޅުވުމުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް ދިއްދޫ އެމްޑީޕީ އޮފީހުން ބުނެއެވެ.