ޚަބަރު

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފި


ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ށ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެގޮތުން އެ ސަރަޙައްދުތަކަށް މިއަދު މެންދުރު ބާރައިން ފެށިގެން އިރުއޮއްސި ހަޔަކާ ދެމެދު މޫސުމް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކަށް ކަނޑު ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އެ އިދާރާއިން ބުނީ ދެކުނު އަތޮޅުތަކުގައި އާއްމު ގޮތެއްގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާއިން ބުނީ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.