ޚަބަރު

ޔޫއެންޑީޕީގެ "ޔޫތް ވިޝަން" ތިނަދުއަށް


ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުން އަންނަ "ޔޫތް ވިޝަން" ވޯރކްޝޮޕް ގދ. ތިނަދޫގައި ބާއްވައިފިއެވެ.

އުމުރުން އަށާރަ އަހަރާއި ތިރީސް އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ވޯރކްޝޮޕަކީ ޒުވާނުންގެ މެދުގައި ހުރި އެކިކަހަލަ މައްސަލަތަކާއި، ދިރިއުޅޭ މާހައުލުގަޔާއި، އިޖުތިމާޢީ ގޮތުން ޒުވާނުންނަށް ދިމާވާ ދަތިތަކާއި، ޤައުމާއި މެދު ޒުވާނުންގެ ހުރި ތަޞައްވަރާއި، ކުރިމަގު ބައްޓަން ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން ޒުވާނުންގެ މެދުގައި މަޝްވަރާކޮށް ޤައުމު ތަރައްޤީ ކުރުމުގައި ޒުވާނުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯރކްޝޮޕެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޔޫއެންޑީޕީގެ ޕްރޮގުރާމް އޮފިސަރ، އައިޝަތު ޖުނައިނާ ވިދާޅުވީ އެ ވޯކްޝޮޕަކީ އދ ގެ ދެމެހެއްޓެނި ތަރައްޤީގެ ލަނޑު ދަނޑި ޙާޞިލު ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރަނީ ޒުވާނުން ކަމަށްވާތީ އެކަމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

"މި ވޯކްޝޮޕުން ޑިސްކަޝަންސްތައް ނެރެ އެއާ އެކީގަ އާޓް ޕީސަސްތަކެއް މި ނެރެނީ ޒުވާނުންގެ ކޮންސަރންސްތަކާއި އެކުދިންގެ ޕްރިއޮރިޓީސްތަކަކީ ކޮބައިކަމާއި ގައުމުގެ އެކި ކަހަލަ ޑިވެލޮޕްމެންޓަލް ޗެލެންޖަސްތަކަށް. އެކަންކަމުގަ ކުރިއަށްދާނީ ކިހިނެއްތޯ އާއި މިކަމުގަ އެކުދިންގެ ހިޔާލަކީ ކޮބައިތޯ ބަލާލަން ވެގެން ބާއްވާ ވޯކްޝޮޕެއް މި ވޯކްޝޮޕަކީ،" ޖުނައިނާ ވިދާޅުވިއެވެ.

ވޯރކްޝޮޕުގައި ބައިވެރިވި ޒުވާނުންގެ އާޓް ޕީސްތައް ދައްކާލުމުގެ ގޮތުން މި ވޯރކްޝޮޕްގެ ތެރެއިން އެގްޒިބިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަންގައި ދައްކާލާ އާޓް ޕީސްތަކުގައި ހުންނާނީ ޒުވާނުންގެ އަމިއްލަ ވާހަކަތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިނަދޫގައި ބޭއްވި ވޯކްޝޮޕްގައި ގދ. އާއި ގއ އަތޮޅު ހިމެނޭ ގޮތައް 22 ޒުވާނުން ބައިވެރިވިއެވެ.

ޔޫއެންޑީޕީން "ޔޫތްވިޝަން" ގެ ނަމުގައި ކުރިޔަށްގެންދާ މިޙަރަކާތް ގދ ތިނަދޫގެ އިތުރުން އައްޑުއާއި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް ބާއްވާފައިވެއެވެ. ޔޫއެންޑީޕީން މިހާރުދަނީ ހދ ކުޅުދުއްފުއްޓާއި، މާލޭ ޞަރަޙައްދުގެ ރަށްތަކުގެ ޒުވާނުންނަށް މި ޕްރޮގުރާމު ބާއްވަން ތައްޔާރުވަމުންނެވެ.