ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވީ ކޮންބޭފުޅެއްކަމެއް މިހާރަކު ނޭނގޭ- އަބްދުއްރަހީމް


އިދިކޮޅު ކޯލިޝަނުން މަސައްކަތްކުރާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވީ ކޮންބޭފުޅެއްކަން ނޭނގޭކަމަށް ވިދާޅުވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނާއިބު ރައީސް އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮންމެ ގޮތަކަށް އިންތިޚާބުވެގެން ނަމަވެސް ވެރިކަމަށް ހޮވިފައި ވަނީ އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބުގެ ނަތިޖާއަށްފަހު ފެންނަމުންދާ މަންޒަރު ތަކަށް ބަލާލުމުން ވެރިކަމަށް އިންތިޚާބުވީ ކޮން ބޭފުޅެއްކަން ނޭނގޭ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށެވެ.

"އަޅުގަނޑުމެނަކަށް ނޭނގެ އިދިކޮޅުގައި ކޮބައި ކަމެއް ރައިސުލްޖުމްހޫރިއްޔާ އަކީ. އަންނިތޯ ރާއްޖޭގެ ރައީސަކީ. ނޫނިއްޔާ ގާސިމް އިބްރާހިމްތޯ ރައީސަކީ. އިބޫތޯ ރައީސަކީ. މައުމޫނުތޯ ރައީސަކީ ސުވާލު އުފެދޭ ހިސާބަށް ގޮސްފައި މި އޮތީ،" އަބުދުއްރަހީމް ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ކުރީގެ ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށްރަށުގެ ރައްޔިތުންނަށް ވަޢުދުތައް ވަމުންދާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

"ރައީސް މައުމޫން ރާއްޖެ ވަޑައިގެންފައި ބޮޑު ތިލަދުންމައްޗަށް ވަޑައިގެން ވައުދުވެދާނެ އެތާނގައި 50 ރަށް ހިއްކާފައި ރިސޯޓް ހަދައިދޭނަމޭ. ގާސިމް އިބްރާހިމް ހައްދުންމައްޗަށް ވަޑައިގެންފައި ވިދާޅުވެދާނެ މުޅި ހައްދުންމަތި ހިޔާކޮށްފައި އެއާކޯން ކުރާނަމޭ. ޝެއިހް އިމްރާން މ. އަތޮޅަށް ވަޑައިގެންފައި ވިދާޅުވެދާނެ މ. އަތޮޅު ކަނޑުތަކުގައި ކާޕެޓު އަޅައިދޭނަމޭ،" އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ޕީޕީއެމުން ދައްކަމުންދާ ވާހަކަތައް ތަކުރާރުކުރައްވާފައެވެ. އެގޮތުން އިންސާފް ހޯދުމަށް އަދި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހުއްޓައިނުލާ ކުރިއަށް ގެންދާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.