ކުޅިވަރު

އޭދަފުއްޓަކީ ރާއްޖޭގައި ފުޓްބޯޅަ ކުޅުންތެރިން އުފައްދާ ހަބެއް - ސާންތީ


އޭދަފުއްޓަކީ ރާއްޖޭގަ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ ހަބެއްކަމަށް، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިޙުސާން އަބްދުލްޣަނީ (ސާންތީ) ވިދާޅުވެއްޖެއެވެ.

އިޙުސާން މިހެން ވިދާޅުވީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ 8 ޞަރަޙައްދެއްގައި ތަރައްޤީކުރުމަށް ހަމެޖެހިފައިވާ ފުޓްބޯޅަ ޑެވެލޮޕްމަންޓް އޮފީސް އޭދަފުށީގައި ޤާއިމު ކުރުމާބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުންތައް ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. ބައްދަލުވުމާބެހޭ ގޮތުން އިޙުސާން ވިދާޅުވީ މަޝްވަރާ ބައްދަލުވުން ވަރަށް ކާމިޔާބުކަމަށާއި، މަޝްވަރާގެ އަލީގައި އޭދަފުށީގައި ފުޓްބޯޅަ ޑެވެލޮޕްމަންޓް އޮފީސް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައިގައި އޭދަފުށީގެ ދައުރާއި ގުޅޭ ގޮތުން އިހުސާން ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގަ އޭދަފުއްޓަކީ މުހިންމު ރަށެއްކަމަށާއި، ފުޓްބޯޅަ ޑެވެލޮޕްމެންޓް އޮފީހެއް ޤާއިމުކޮށް ޔޫތު ޑެވެލޮޕްމެންޓް ޕްރޮގުރާމް (ވައިޑީޕީ) ފެށުމުން ދިވެހި ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް ގެނުވާނެ އެއްރަށަކަށް އޭދަފުށިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

އޭދަފުށި އިޙުސާން ސިފަކުރައްވާފައިވަނީ ދިވެހި ފުޓުބޯޅަ ކުޅުންތެރިން އުފައްދާ ހަބެއްގެ ގޮތުގައެވެ. އެރަށުގައި އަމިއްލަ ފަރާތަކުން ތަރައްޤީކުރަމުންދާ ޓާފް ދަނޑުގެ މަސައްކަތައް އަލިއަޅުއްވާލައްވަމުން އިޙުސާން ވިދާޅުވީ މިއިންވެސް ދައްކުވައިދެނީ އޭދަފުށީ ރައްޔިތުންގެ ހިތުގައި ފުޓްބޯޅައަށް އޮތް ޝައުޤުވެރިކަން ދައްކުވައިދޭކަމެއް ކަމުގައެވެ. އަދި މި ދަނޑު ނިމުމުން އޭދަފުށީ ފުޓްބޯޅަ ކުރިއަރައި ދާނެކަން އިޙުސާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް އިޙުސާން ވިދާޅުވީ އޭދަފުށީގައި ކުޅިވަރު ކުރިއެރުވުމަށް ހަދާފައިވާ ކޮމެޓީން އިސްނަގައިގެން ގްރާސްރޫޓް ޓްރެއިނިން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިޔަށްގެންދާކަމީ އޭދަފުށީގައި ފުޓްބޯޅައަށް ހުންނަ ފޯރި މެދުނުކެނޑި ފެންނަމުން ދާކަމުގެ މިސާލެއްކަމަށެވެ.

ބ އޭދަފުށި ހިމެނޭގޮތަށް ރާއްޖޭގެ 8 ޒޯނެއްގައި ފުޓްބޯޅަ ޑިވެލޮޕްމަންޓް އޮފީސްތަކެއް ޤާއިމުކޮށް ފުޓްބޯޅަ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ފެށުމަށް އެފްއޭއެމުން ދަނީ ތައްޔާރުވަމުންނެވެ. މިއީ ފީފާ ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެފްއޭއެމުން ބުނެއެވެ.

އަދި މި 8 ޞަރަޙައްދުގައި ގްރާސްރޫޓުން ފެށިގެން އިންޓަރ ސްކޫލް ލެވެލްގެ ފުޓްބޯޅައިގެ ތަމްރީނުތަކާއި މުބާރާތްތައް އެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށްގެންދާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.