ޚަބަރު

ފައިނު އެއަރޕޯޓް އެޅުމަށް 5000 ގަސް ކަނޑަންޖެހޭ


ރ. ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި 5000 އަށްވުރެ ގިނަ ގަސް ކަނޑަންޖެހޭ ކަމަށް އެ މަޝްރޫޢުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓްގެ ރިޕޯޓުން ދައްކައިފިއެވެ.

ފައިނު އެއަރޕޯޓް މަޝްރޫޢުގެ އީއައިއޭ ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ކުރިއަށްގެންދިޔުމަށް އެއަރޕޯޓް އަޅާ ސަރަޙައްދުން 5700 އަށްވުރެ ގިނަ ގަސް ކަނޑަން ޖެހޭކަމަށެވެ. އަދި މިއީ މިމަޝްރޫއު ކުރިއަށްގެންދާއިރު ތިމާވެއްޓަށް އެންމެ ބޮޑަށް ގެއްލުން ލިބޭނެ އެއްކަންތައްކަމަށް އީއައިއޭ ރިޕޯޓްގައިވެއެވެ. މިއީ ފައިނުގެ ގަސްހެދިފައިވާ ސަރަޙައްދުގެ 38 އިންސައްތައެވެ.

އީއައިއޭ ރިޕޯޓްގައި ބުނެފައިވަނީ މިހާ ބޮޑު ސަރަހައްދަކުން ގަސް ކަނޑައި، އުފުރާ ހުސް ކުރުމުން މިހިސާބުގެ ވެއްޔާއި، ފެންފަށަލައާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއްކުރާނެކަމަށެވެ.

މިމަޝްރޫއަށް ގެނެވިދާނެ ބަދަލުތަކުގެ ގޮތުގައި އީއައިއޭ ރިޕޯޓްގައި ހިމަނާފައިވަނީ ބިންހިއްކުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ބައްޓަން ބަދަލުކުރުމާއި، ބަނދަރުން އެއަރޕޯޓަށް ދާން އޮތް މަގު، ގޮނޑުދޮށުން 31 މީޓަރުގެ ޖާގަ ވާނެހެން މަގު ހެދުމައް ވަނީ ފާހަގަކޮށްފައެވެ.

އާބާދީގައި 467 މީހުން ދިރިއުޅޭމުންއަންނަ ފައިނަކީ 59 ހެކްޓަރުގެ ރަށެކެވެ.

ފައިނުގައި އެޅެމަށް ނިންމާފައިވާ އެއަރޕޯޓްގައި 1320 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ. އަދި 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އެއަރޕޯޓު އެޅުމަށް ރަށުގެ ބިމުން 20.8 ހެކްޓަރު އަދި ފަޅުން 8.3 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެއެވެ.

އީއައިއޭ ރިޕޯޓްގައި ތިމާވެއްޓަށް ލިބޭނެ ގެއްލުމުގެ އިތުރުން މި އެއަރޕޯޓްގެ ސަބަބުން އެ ރަށާއި، ކައިރި ރަށްތަކަށް މަންފާލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ. ރ. ފައިނުގައި އެއާޕޯޓު އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްގެ ރިޕޯޓު އާއްމުކޮށްފައިވާއިރު މިހާރު ވަނީ މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.