ޚަބަރު

މަޖިލީހަށް ދެ ދާއިރާ އިތުރުކޮށް ފައިނަލް ލިސްޓް ޢާންމުކޮށްފި


2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް ޢާންމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅައިފައި ވަނީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި ބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެގޮތުން މަޖިލިސް އިންތިޚާބުގެ އިދާރީ ދާއިރާތައް ކަނޑައެޅި ގޮތުގެ ފައިނަލް ރިޕޯޓް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓާއި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާޢިއު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު 85 މެމްބަރުން ތަމްސީލު ކުރެއްވި ނަމަވެސް 2019 ވަނަ އަހަރުގެ މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި މާލެއަށް ދެ ގޮނޑި އިތުރު ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ކަމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި 87 މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މާލޭގެ ހެންވޭރާއި މައްޗަންގޮޅިއަށް ވަކި ދެ ދާއިރާއެއް ކަނޑައަޅައި އެ ދެ ދާއިރާއަށް ގޮނޑި އިތުރުކުރަން ނިންމި ނަމަވެސް މަޖިލިސް އިންތިޚާބުގައި ރާއްޖޭގެ އެހެން އެއްވެސް އިންތިޚާބީ ދާއިރާއަކަށް ބަދަލު ނުގެންނާނެ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުންނާއި ސިޔާސީ ޕާޓީތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ޕާޓީގެ ޓިކެޓު ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދި އެއްވެސް ޕާޓީއަކުން ދާއިރާތަކަށް ކުރިމަތިލާނެ ކެނޑިޑޭޓުން އިޢުލާނުކޮށްފައެއް ނުވެއެވެ.