ޚަބަރު

ޔޮޓް ޓުއާސްގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފި


ހއ. އަލިދޫ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި، 447 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށް ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ޔޮޓް ޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓް ހިންގުމަށް ދޫކޮށްފައިވާ ހއ. އަލިދޫގެ ކުއްޔާއި ޖޫރިމާނާގެ ގޮތުގައި ނުދައްކާހުރި 29 މިލިއަަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު، ނުވަތަ 447 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރި ނަމަވެސް އޭރު އަލިދޫ ރިސޯޓް ބަންދުކޮށްފައިވާތީ އެ ހުކުމުގައި ބުނެފައިވާ މުއްދަތުގައި ރިސޯޓުގެ ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޔޮޓް ޓުއާސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެހެން ނަމަވެސް ޔޮޓް ޓޫއާސްއިން އެދުނު ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.

އަލިދޫ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ޔޮޓް ޓުއާސްއިން ދައުލަތަށް ދައްކަން ޖެހޭ 29 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރޭގައި ހިމެނެނީ ރިސޯޓް ކުލީގެ ގޮތުގައި ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރާއި ކުލި ދައްކަން ޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 23.4 މިލިއަން ޑޮލަރެވެ.

ޔޮޓު ޓުއާސްއަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. ހއ. އަލިދޫ ރިސޯޓްގެ އިތުރުންވެސް އިތުރު ބައެއް ރިސޯޓްތައް ޔޮޓް ޓުއާސްއިން ދަނީ ހިންގަމުންނެވެ.