ޚަބަރު

ރާއްޖެ ތަރައްޤީވާނީ އައްޑޫ ސިޓީ ތަރައްޤީކޮށްގެން- ރައީސް ނަޝީދު


އައްޑޫ ސިޓީ ތަރައްގީ ގެނެސްގެން ނޫނީ ރާއްޖެއަށް ތަރައްގީނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހާރު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅޫދޫ އަށް ވަޑައިގެން ހުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ އަށް ތަރައްގީ ހޯދައިގެން މެނުވީ ރާއްޖޭގެ ތަރައްގީ ނުވާނެ ކަމަށާއި އާ ސަރުކާރުން ސިޓީ ކައުންސިލްތަކަށް ބާރުތައް ދޫކޮށް، ތަރައްޤީގެ މަސައްކަތް މިނިވަންކަމާއެކު ކުރުމަށް ފުރުޞަތު ދޭނެކަމަށެވެ.

" އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ މިސިޓީ އަކީ މުއްސަނދި ކުރެވޭނެ ސިޓީއެއް ކަން. އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އޮވޭ އައްޑޫގެ ތަރައްޤީ ހޯދައިގެން މެނުވީ ރާއްޖޭގެ ތަރައްޤީ ނުލިބޭނެކަން. އިރާދަ ކުރެއްވީއާ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފެނިގެންދާނެ އެންމެ ބޮޑު ހަޤީގަތަކީ މިސިޓީތަކަށް ބާރު ދޫވެގެން ދިއުން. " ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ މަސައްކަތް ނުހަނު ގިނަ ކަމަށެވެ. އަދި މިމަސައްކަތުގައި އެމްޑީޕީ މެމްބަރުންނާއެކު އެމަނިކުފާނުވެސް އައްޑޫ ސިޓީ ތަރައްޤީ ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވައުދުތަށް ފުއްދުމުގައި ކުރާންޖެހޭ މަސައްކަތްތައް ނުހަނު ގިނަ. އެ މަސައްކަތުގައި އަޅުގަނޑުމެން އަވަދި ނެތި އުޅޭނެ. އަދި ތިބޭފުޅުންނާއި އެކުގައި މި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންވެސް، އައްޑޫސިޓީގެ އެމްޑީޕީގެ މަސައްކަތް ކުރާ ހުރިހާ ދާއިރާ ރައީސުން، ކައުންސިލު މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. އަދި އަޅުގަނޑުމެން އާންމު މެންބަރުންނާއި އެކު ހަމަކަށަވަރުންވެސް އަޅުގަނޑު އައްޑޫސިޓީގެ ތަރައްޤީގައި އަބަދުވެސް ތިބޭފުޅުންނާއި އެކު އަވަދިނެތި އުޅޭނެ ކަމުގެ ޔަޤީންކަން އަރުވަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.