ޚަބަރު

ރައީސް ނަޝީދު، އައްޑޫ ސިޓީގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލް ބައްލަވާލައްވައިފި


ރައީސް ނަޝީދު، އައްޑޫ އިކުވަޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރަމުންދާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

ރައީސް ނަޝީދު، އީސީސީގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވަނީ އެމަނިކުފާނު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު، ރައީސް ނަޝީދު ވިދާޅުވީ އަލަށް އުފެދޭ ސަރުކާރުން ހޮސްޕިޓަލުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަން ފެނިވަޑައިގަންނަވާކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން އިތުރު ކޮންވެންޝަން ސެންޓަރެއް ބޭނުންވާނަމަ އެކަމަށް ތަޢީދުކުރައްވާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2011 ވަނަ އަހަރު ސާކް ސަމިޓް ބޭއްވުމަށް ތިން ސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން އިމާރާތްކޮށްފައިވާ އައްޑޫ އިކުވަޓޯރިއަލް ކޮންވެންޝަން ސެންޓަރު ގާއިމްކޮށްފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުންނެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެތަނގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާ، އެމަސައްކަތް ދަނީ ކުރަމުންނެވެ.

އައްޑޫގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ރައީސް ނަޝީދު ވަނީ މަރަދޫ އެމްޑީޕީ ހަރުގެއަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާފައެވެ. އަދި މަރަދޫފޭދޫ އެމްޑިޕީގެ އުމުރުން ދުވަސްވީ މީހުންގެ ޖަގަހަ ވަޑައިގެން ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ 3 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ރާއްޖެ ވަޑައިގެން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.