ޚަބަރު

އިންސާފު ލިބުން ލަސްވަނީ ކޮރަޕްޝަންގެ ސަބަބުން - ޑިފެންސް މިނިސްޓަރ


މަރުގެ ބޮޑެތި މައްސަލަތަކުގައި އިންސާފު ލިބުން ލަސްވަނީ ކޮރަޕްޝަންގެ ނުފޫޒު ޤައުމުގައި ބޮޑުވެފައިވާތީކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނަކީ ހަމައެކަނި ޚިޔާނާތެއް ނޫންކަމަށާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނިންމުންތަކަށް ގެންނަ ބަދަލުތަކަކީ މީހުންގެ މަރުގެ މައްސަލަތަކުގައި އިންސާފު ލިބުން ލަސްވާކަމެއްކަމަށެވެ. އެގޮތުން މަރުގެ މައްސަލަތަކާއި، ބޮޑެތި ޖިނާއީ މައްސަލަތަކާބެހޭ މަޢުލޫމާތު އެނގިހުރެ އެވާހަކަތަށް ކަމާބެހޭ ފަރާތްތަކާ ޙިއްޞާނުކޮށް ތިބުމަކީ ޒިންމާދާރުކަން ކުޑަ ކޮރަޕްޝަންގެ ޢަމަލެއްގޮތުގައި މިނިސްޓަރ ސިފަކުރައްވާފައިވެއެވެ.

މަރުގެ މައްސަލަތަކާގުޅުންހުރި މައުލޫމާތު އެނގޭ މީހުން ކަމާބެހޭ ފަރާތްތަކާ މައުލޫމާތު ޙިއްޞާކޮށްފިނަމަ ގިނަ މައްސަލަތަކެއް ޙައްލުކޮށް ކުށްވެރިންނަށް ޙައްޤު އަދަބުދިނުމަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީއާއި ޔާމީން ރަޝީދު މަރާލި މައްސަލައާއި، ނޫސްވެރިޔާ އަޙްމަދު ރިޟްވާނު ގެއްލުނު މައްސަލަ އަލުން ރިވިއުކޮށް، ތަޙްޤީޤްކުރަމުންދާކަން ފުލުހުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.