ޚަބަރު

ޖަޒީރާ ހޮޅުއަށީގައި ރައްޔިތުންގެ ޝުއޫރުތައް ބަންޑުންކޮށްލައިފި


އައު ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށް، ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އިންތިޚާބީ ރައީސް ފެއްޓެވި "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

"ޖަޒީރާ ހޮޅުއަށީ"ގެ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށް ޚިޔާލު ހޯދާފައިވަނީ މާލޭގެ މަގުތަކުގެ ޙާލަތާއި، މަގުތަކުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންނެވިގޮތަށް ރާއްޖެ ތަރައްޤީ ކުރުމުގެ އޮނިގަނޑު ބައްޓަން ކުރަން ބޭނުންފުޅުވެލައްވަނީ ދިވެހި ރައްޔިތުންގެ ޚިޔާލާއެކު ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.

އެގޮތުން ޖަޒީރާވަންތަ ސިފަތަކާއެކު ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަޒުކަޒީ ނިޒާމުން ބާރު ލިބިގެން ކަމަށާއި ރަށްތައް ތަރައްޤީކުރުމަށް އެ ރަށަކަށް ލިބޭ އާމްދަނީގެ ބޭނުން ކުރުމަކީ ވަރަށް ރަނގަޅު ކޮންސެޕްޓެއް ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

"
"ލާމަރުކަޒީ ރާއްޖެއެއް، ޖަޒީރާ ރާއްޖެއެއް ތަރައްޤީކުރުމަށްޓަކައި މާލެ އެބަ ޖެހޭ ހިތްފަސޭހަ ތަނަކަށް ވާން. މާލެ އަކީ ރަނގަޅު ދިރިއުޅުމެއް އުޅެވޭ ތަނަކަށް ވާނީ ލާމަޒުކަޒީ ނިޒާމަކުން ރާއްޖެ ތަރައްޤީ ކުރެވިގެން. އެއާއެކު ރަށްރަށް ތަރައްޤީ ކުރުމުގައި އެރަކަށް ލިބޭ އާންމުދަނީއަށް ބެލުން ވަރަށް މުހިންމު."
އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ޢާންމުންނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ މި މަޝްވަރާ ބައްދަލުވުމުގައި ހުށަހެޅި މުހިންމު ޚިޔާލުތަކުގެ ތެރޭގައި އިސްލާމީ މަރުކަޒުގެ ދެ ފަރާތުން އޮތް ދެ މަގު އިތުރު ބަދަލުތަކާއެކު އަލުން ހުޅުވުމާއި، މާލޭގައި ފުޅާ ކުރެވެން ހުރި ހުރިހާ މަގުތަކެއް ފުޅާކުރުމުގެ ވިސްނުން ހިމެނެއެވެ. އަދި ބޭރު ޤައުމުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައެއް ހުޅުމާލެއަށް ބޭލޭނެ އިންތިޒާމް ހަޖައްސައި މާލެއަށް ބާލާ މުދަލުގެ އަދަދު މަދުކުރުން ފަދަ މުހިންމު ޚިޔާލުތައް ހިމެނެއެވެ.

''އިސްލާމީ މަރުކަޒުގެ ދެ ފަރާތުގައި އެ އޮތް ދެ މަގު ކުރިއެކޭ އެއްގޮތަށް އާންމުކޮށް ހުޅުވާލަން ޖެހޭ. އެކަމަކު އެ ދެމަގު ހުޅުވާލުމުގެ ކުރިން އިތުރަށް ތަރައްޤީ ކުރަންވެސް ޖެހޭ. އެ ދެ މަގު ނޫނަސް މާލޭގެ މަގުތަކަށް ކުރިމަތިވާ ޓްރެފިކް މައްސަލަތަކަށް ޙައްލު ހޯދުމަށް މާލޭގައި ފުޅާ ކުރެވެން ހުރި ހުރިހާ މަގުތަކެއް ފުޅާކުރުން ރަނގަޅު ކަމަށް ދެކެން." މިބައްދަލުވުމުގައި ބައިވެރިވި ޢާންމު ރައްޔިތަކު ބުންޏެވެ.

މީގެ އިތުރުން ތަފާތު ބޭނުންތަކުގައި އަތޮޅުތަކުން މާލެއަށް ދަތުރުކުރާ އުޅަނދު ފަހަރު ލަފާފުރާ ސަރަޙައްދުގައި އިތުރު ޖެޓީތަކެއް ތައްޔާރުކޮށް އެ ތަންތަނުން ދަތުރުވެރިން މުދާ އަރުވައި ބޭލޭނެ ފަދަ އިންތިޒާމް ހަމަޖެއްސުންފަދަ ރައްޔިތުންނާ ގުޅުން ބޮޑު އަދި މިއަދާއި ހަމަޔަށްވެސް ހައްލު ނުކުރެވި ހުރި ގިނަ ކަންބޮޑުވުން ތަކެއް ޢާންމު ރައްޔިތުން ވަނި އިންތީޚާބީ ރައީސާއި، ސިޔާސީ ލީޑަރުންނާ ޙިއްޞާ ކޮށްފައެވެ.

ޖަޒީރާ ހޮޅުއަށި ޕްރޮގްރާމަކީ، ރައްޔިތުންގެ ޚިޔާލާއެކު ރައްޔިތުން އެދޭ ވެރިކަމެއް ރާއްޖޭގައި ޤާއިމްކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ މަގްޞަދު ހާސިލްކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ މުޖުތަމައުގައި ހައްލު ހޯދަން ބޭނުންވެފައިވާ ތަފާތު މައްސަލަތަކަށް ޢާންމުންގެ ޚިޔާލު ހޯދުމުގެ މައްޗަށެވެ.

އިންތިޚާބީ ރައިސްގެ ސަރުކާރެއްގައި ރައްޔިތުންގެ ބަހަކީ ސަރުކާރުގެ މުހިންމު ނިންމުންތައް ނިންމުމުގެ މައިގަނޑު އަސާސަކަށް ހަދާނެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.