ޚަބަރު

ހައުސިން ޔުނިޓުތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުރު މުއްދަތެއް - ތިނަދޫ ކައުންސިލް


ގދ. ތިނަދޫގައި ސަރުކާރުން އަޅާފައިވާ 120 ހައުސިން ޔުނިޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ޢާންމުކޮށް ޝަކުވާ ހުށަހަޅަން ފުރުޞަތު ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތު ވަރަށް ކުޑަ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ފްލެޓު ލިބުނު މީހުންގެ ލިސްޓު ޢާންމުކޮށް ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އިޢުލާނުގައި ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ ހަތަރު ދުވަހުގެ މުއްދަތެކެވެ. އަންނަ ބުރާސްފަތި ދުވަހަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު ތިނަދޫ ކައުންސިލުން ބުނާ ގޮތުގައި ފްލެޓުތަކާ ގުޅިގެން ކައުންސިލަށް ވަރަށް ގިނަ ޝަކުވާތައް އަންނަ ކަމަށެވެ.

ތިނަދޫ ކައުންސިލުގެ ރައީސް އިބްރާހިމް އައްސަދު ވިދާޅުވީ ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެ މުއްދަތުގައި ހުރިހާ ޝަކުވާއެއް ބަލައިގަނެ އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއަދުވެސް ވަރަށް ގިނަ ޝަކުވާތަކެއް ހުށަހަޅައިފި. ހައުސިން މިނިސްޓްރީން ދީފައިވާ މުއްދަތަކީ މިހުރިހާ ޝަކުވާއެއް ބަލައި އެންމެ އިންސާފުވެރިކަމާއެކު ފްލެޓު ދޫކުރެވޭނެ ނުވަތަ ޕޮއިންޓް ދެވޭނެ އެކަށީގެންވާ މުއްދަތެއް ނޫން. އަޅުގަނޑު އެދެނީ މި މުއްދަތު އަދި އިތުރުކުރުމަށް،" އައްސަދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓުތަކުގެ އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް 238 ފޯމު ވަނީ ހުށަހަޅާފައެވެ. ސީ ކެޓަގަރީގެ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކަން ހަމަޖައްސާފައިވާ ފްލެޓުތަކެކެވެ.

އައްސަދު ވިދާޅުވީ ފުލެޓުތަކަށް ހުށަހެޅި ފަރާތްތަކުގެ ގެދޮރުވެރިކަމުގެ މަޢުލޫމާތު ސާފުކުރުމަށްޓަކައި ދިން މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ދީފައިވާނެ އެވެ. އެގޮތުން އޭ ކެޓަގަރީގެ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން 516 ފަރާތެއްގެ ގެދޮރުވެރިކަމުގެ މަޢުލޫމާތު ސާފުކުރެވުނު ކަމަށާއި ބީ ކެޓަގަރީން 201 ފޯމެއްގެ ގެދޮރުވެރިކަމުގެ މައުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭ ކެޓަގަރީއަށް ހުށަހެޅި 122 ފޯމާކާއި ބީ ގެޓަގަރީއަށް ހުށަހެޅި 51 ފޯމެއްގެ ގެދޮރުވެރިކަމުގެ މަޢުލުމާތު ސާފު ނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދޭތެރެ ދޭތެރެއިން އެތަނުގެ މަރާމާތުތަކެއް ކުރިއަށްދާކަން ފާހަގަކުރައްވަމުން އައްސަދު ވިދާޅުވީ ރިޓެންޝަން މުއްދަތު ހަމަވެފައިވާއިރު ފްލެޓު ނުދެވި ގިނަ ދުވަސްތަކެއް ވެފައިވުމުން އެކަމުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށެވެ. އަދި އެތަނުގެ ކޮލިޓީއާ މެދުވެސް ރައްޔިތުން ޝަކުވާ ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންނަ މުއްދަތެއްގެ ތެރޭގަ، އެއް އަހަރު ވެއްޖެއްޔާ އެއް އަހަރުތެރޭގަ ދިރިއުޅެން ފައްޓައިގެން ޖެހޭ މައްސަލަތައް ހައްލުކޮށްދޭން މުއްދަތެއް އޮވޭ މަސައްކަތް ހަވާލުކުރި ކުންފުނިން ދީފަ. އެހެން ނަމަވެސް އެ މުއްދަތު ފަހަނައަޅައި ދާއިރު އަދި ނުދެވި ހުރުން އެއީ އަޅުގަނޑު ފާހަގަކުރާ ކަމެއް. މިހާރުވެސް ދޭތެރެ ދޭތެރެއިން މަރާމާތުތަކެއް އެތަނުގަ ދޭ ކުރިއަށް. އެހެންވެ އެތަނުގެ ކޮލިޓީއާ ދޭތެރޭ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް އެބަ އޮވޭ،" އައްސަދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ތިނަދޫގައި ސަރުކާރުން އަޅާފައިވާ 120 ހައުސިން ޔުނިޓުތަކުގެ ތެރެއިން ވިޔަފާރު އުޞޫލުން ދޫކުރުމަށް ހަމަޖައްސާފައިވާ 15 ފްލެޓާ ބެހޭ މަޢުލޫމާތުވެސް ހައުސިން މިނިސްޓްރީން ކައުންސިލާ ޙިއްސާ ނުކުރާ ކަމަށެވެ.

ތިނަދޫގެ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅަން ހުޅުވާލީ 2016 ވަނަ އަހަރުއެވެ. ނަމަވެސް ފްލެޓުތައް ލިބޭ ފަރާތްތައް އިޢުލާންކޮށްފައި މިވަނީ އޭގެ ދެ އަހަރު ފަހުންނެވެ.