ޚަބަރު

ރުއްގަސް ކެނޑުމާއި ބޭރުކުރުކުރުން ހުއްޓުވުުމުގައި ގޮންޖެހުންތައް އެބަހުރި- އެންވަޔަރަމަންޓް މިނިސްޓްރީ


ރަށްރަށުގައި ހުންނަ ރުއްގަސް ކެނޑުން ހުއްޓުވުމަށާއި އެއްރަށުން އަނެއްރަށް ރުއްގަސް ބޭރުކުރުމުގެ މައްސަލަ ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ރަށްރަށުން ރުއްގަސް އުފުރުމާއި އެހެން އުފުރާ ރުއްގަސް އެހެން ރަށްރަށަށް ގެންދާ މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަކީ އެ މިނިސްޓްރީގެ އެކަނި ޒިންމާއެއްކަމަށް ދެކިގެން އެމައްސަލަ ހައްލު ނުވާނެކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލު ކުރެވޭނީ ފަރުދީ ޒިންމާވެސް އަދާކޮށްގެންކަމަށް މުހައްމަދު ޒާހިރު ވިދާޅުވިއެވެ.

"މުޅި ދައުލަތުގެ ޒިންމާއެއް އެއީ. ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ކުރިމަތިކުރުވާފައި އޮތް ސުވާލުތަކަށް ބަލާއިރު ފެނިގެންދަނީ މުޅިން ވެސް ތިމާވެއްޓާ ބެހޭ ވުޒާރާޔަށް އަމާޒުވެފައި ވާތަން. ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކަނި މި މައްސަލަ ހައްލުނުވާނެ. ފަރުދީ ޒިންމާވެސް ނަގަންޖެހޭ." ޒާހިރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ރަށްރަށުން ރުއް ގަސް އުފުރައިގެން އެހެން ރަށްރަށަށް ބޭރުކުރާ ކަމަށް ބުނާ ވާހަކަތައް ސޯޝަލް މީޑިއާއިން ލިބުނު ނަމަވެސް ގިނަ ފަހަރު އެގޮތަށް ލިބެނީ ޞައްހަ މަޢުލޫމާތު ނޫން ކަމަށެވެ. އަދި އެހެން ލިބޭ މަޢުލޫމާތުގެ އަލީގައި އެކަންކަމާމެދު ފިޔަވަޅު އެޅުމަށް ރުއްގަސް ބޭރުކުރިޔަނުދީ ހިފެހެއްޓުމުގެ ސަބަބުން ރުއްގަސް މަރުވުން ފަދަ ކަންކަން ހިނގާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ސޯޝަލް މީޑިއާގައި ފަތުރާ ހުރިހާ ވާހަކަތަކަކީ ތެދެއް ނޫން. ސޯޝަލް މީޑިއާގައި ބައެއް ފަހަރު އެބަހުރި ނުބައި ރަށްރަށުގެ ނަން ޖަހައިގެންވެސް ފޮޓޯތަކާއި ޚަބަރުތައް ދައުރުވެފައި. އެހެން ވީމާއި މައްސަލަތައް ހައްލުކުރުމުގައި އުނދަގޫތަކާ ކުރިމަތިވޭ. އެހެން ނަމަވެސް އެއްވެސް ޝަކުވާއެއް އައިސްފިއްޔާ އަޅުގަނޑުމެން ވެރިފައި ކުރަން." ނައީމް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ވިދާޅުވީ މުޅި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ބަލަހައްޓާ މުއައްސަސާއެއްގެ ގޮތުގައި އީ.ޕީ.އޭ ކަނޑައަޅާފައި އޮތް ނަމަވެސް ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި އެ އިދާރާއަށްވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.