ޚަބަރު

މަހިބަދޫ ރައްޔިތުން ތިބީ ބޯހިޔާވަހިކަމުގެ މައްސަލަ އައު ސަރުކާރުން ހައްލުކޮށްދޭނެކަމުން އުންމީދުގައި


މަހިބަދޫ ރައްޔިތުން ތިބީ އައު ސަރުކާރާއެކު އދ. މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނެކަމުގެ އުންމީދުގައި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އދ. އަތޮޅުގެ ވެރިކަންކުރާ ރަށް އދ. މަހިބަދޫގެ ތަރައްޤީގެ މަސައްކަތްތަކާއި ޕްލޭންތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްޞާކުރައްވަމުން އދ. މަހިބަދޫ ކައުންސިލްގެ ރައީސް އަޙްމަދު ޚަލީލް ވިދާޅުވީ އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމާއި ވަޒީފާގެ ދަތިކަންކަމަށެވެ. މަހިބަދޫ ކައުންސިލުން ބުނީ ރަށް ތޮއްޖެހި ފުރި ބާރުވުމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަމަށެވެ.

ދެހާސް ފައްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އދ. މަހިބަދޫން ގޯތި ދޫނުކުރާތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. އެހެންނަމަވެސް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބުގެ ކުރިން އެރަށަށް ވަޑައިގެން އެރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވުމަކީ ރަށުގެ ރައްޔިތުންގެ އުންމީދު އާވެގެންދިޔަ ކަމެއްކަމަށް މަހިިބަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެގޮތުން މަހިބަދޫ ކައުންސިލުން ތައްޔާރުކޮއްފައިވާ "ބިނާ ވެށި" ޕްލޭންވެސް އިންތިޚާބީ ރައީސްއާއި ޙިއްޞާކޮށްފައިވާކަމަށް މަހިބަދޫ ކައުންސިލުން ބުނެއެވެ.

އދ. މަހިބަދޫ ގިނަ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދިގުލައިގެން ގޮސްފައިވާކަން ކައުންސިލްގެ ރައީސް އަހުމަދު ޙަލީލް ފާހަގަކުރެއްވެވިއެވެ. އެގޮތުން މަގުތަކުން ފެންހިންދުމަށް ޕްމްޕް ސްޓޭޝަންތަކާއި ސްޕީޑް ބްރޭކަރުތަށް ވީހާވެސް އަވަހަށް ހަރުކުރުން މުހިންމުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަހިބަދޫ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެމްއާރުޑީސީއާ ހަވާލުކޮށް 32 މިލިއަން ރުފިޔާ ޚަރަދުކޮއްގެންނެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ 21 މަގެއް ވަނީ ޒަމާނީ ފެންވަރަށް ގާ އަތުރައިގެން ތަރައްގީކޮށްފައެވެ.