ޚަބަރު

ވިލާ ކޮލެޖުގެ ލަރނިން ސެންޓަރެއް ތިނަދޫގައި ޤާއިމުކުރަނީ


އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ވިލާ ކޮލެޖުން ހުޅުވާލާފައިވާ ކޯސްތަކަށް އެދި ގދ. ތިނަދޫއިން ހުށަހަޅައިފި ނަމަ އެރަށުގައި ވިލާ ކޮލެޖުގެ ލަރނިން ސެންޓަރެއް ޤާއިމުކުރަން އެކޮލެޖުން ނިންމައިފިއެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި އިއްޔެ ކުރިއަށްދިޔަ "ޖޮބް އެންޑް ކެރިއަރ ފެއަރ 2018" ގައި ވިލާ ކޮލެޖުގައި ހުރި ކޯސްތަކާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ކޮލެޖުގެ ސްކޫލް އޮފް ހެލްތް ސައިންސަސްގެ އެސޯޝިއޭޓް ލެކްޗަރަރ، ފަޒްލާ އަބޫބަކުރު ވިދާޅުވީ ހުޅުވާލާފައިވާ ކޯސްތަކުގެ ތެރެއިން ކޯހަކަށް ހުށަހަޅާ ކުދިންގެ އަދަދު 20 އަށްވުރެ ގިނަވާނަމަ އެ ކޯސް ތިނަދޫގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ކޯސްތަކުގެ ތެރޭގައި ސެޓިފިކެޓް ތިނަކުން ފެށިގެން ޑިގްރީ ކޯސްތަކާ ހަމައަށް ތިނަދޫއާއި ކައިރި ރަށްތަކުގެ ދަރިވަރުންނަށްވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖެނުއަރީއަށް ފަށާ 102 ކޯހެއް އެބައިން. އެ ކޯސްތަކުގެ ތެރެއިން ކުދިން ހަމަވާ ވަރަކަށް، 20 ކުދިން ހަމަވާ ކޯހެއް ވެއްޖެއްޔާ ކޯސްތައް ހިންގަން މި ގަސްދު ކުރަނީ. އަޅުގަނޑުމެން އުއްމީދު މިކުރަނީ 2019ގެ ޖެނުއަރީ އިންޓޭކަށް ތިނަދޫ ލަރނިން ސެންޓަރއެއް ކްރިއޭޓްކޮށްފަ ކޯސްތައް ކުރިއަށް ގެންދިއުމަށް،" ފަޒްލާ ވިދާޅުވިއެވެ.

ވިލާ ކޮލެޖަކީ ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. ޑިގްރީ އާއި މާސްޓާޒް އަދި ޕްރޮފެޝަނަލް ޕްރޮގުރާމްތައް ހިންގާއިރު، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ނަރސިން، ހިއުމަން ރިސޯސް، ޝަރީއާ އަދި ލޯވގެ ކޯސްތައް ހިމެނެ އެވެ. މީގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ވެސްޓް އޮފް އިންގްލޭންޑުގެ ކޯސްތައް ހިމެނެ އެވެ.