ޚަބަރު

ތިން ވަނަ "އިންޓަރނޭޝަނަލް ޕީސް ކޭމްޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ތިންވަނަ އިންޓަރނޭޝަނަލް ޕީސް ކޭމްޕުއި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިމަހުގެ އެއް ވަނަދުވަހު "ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިން ހުޅުވާލިއިރު، މިކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ މުޅި ދިވެހިރާއްޖެއިން އެއް ރޯވަރ ސްކައުޓަކަށެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ސްކައުޓް އެސޯސިއޭޝަނުގެ ކޮމިޝަނަރ ފޯރ ޕަބްލިކް ރިލޭޝަންސް އަޝްރަފް ވަޙީދު ވިދާޅުވީ މި ކޭމްޕަކީ ބައިނަލްއަޤުވާމީ ގޮތުން ދުނިޔޭގެ ހުރިހާ ޤައުމުތަކުގެ ޤައުމީ ސްކައުޓް އެސޯސިއޭޝަން ތަކަށް ހުޅުވާލެވިފައިވާ ޕީސް އާބެހޭ ޕްރޮގްރާމުތަކެއް ހިންގާ ކޭމްޕެއް ކަމަށާއި ރާއްޖެ ރަމްޒުކޮށްދޭ 18 އަހަރާއި 25 އަހަރާއި ދޭތެރޭގެ އުމުރު ފުރާއިން ފިރިހެން ރޯވަރ ސްކައުޓަކު ނެގުމަށް ޢާންމުކޮށް ހުރިހާ ސްކައުޓް ގުރޫޕް ތަކަށް ހުޅުވާލެވިފައި ވާނެކަމަށެވެ.

އިންޓަރނޭޝަނަލް ޕީސް ކޭމްޕަށް ކުއްޖަކު ހޮވުމުގައި އެފަރާތުން ކަނޑައަޅާފައި ހުރި ޝަރުޠުތަކަކީ އެ ރޯވަރ ސްކައުޓަކީ ފިރިހެން ކުއްޖަކަށް ވުމާއި އެންވަޔަރަންމެންޓަލް އެމްއޯޕީ ޕްރޮޖެކްޓެއް ހަދާފައިވާ ނުވަތަ ބައިވެރިވެ ބެޖް ހަދާފައިވާ ކުއްޖަކަށް ވުމާއި އަދި އެ ކުއްޖަކީ ކަންކަމަށް އިސްނެގުމުގެ ހުނަރާއި އަޚްލާޤީ ގޮތުން ރަނގަޅު ކުއްޖަކަށް ވުމުގެ އިތުރުން 2018 އަހަރު މެމްބަރޝިޕް ފީ ދައްކާފައިވާ ކުއްޖަކަށް ވާންޖެހޭނެ ކަމުގަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

ތިންވަނަ "އިންޓަނޭޝަނަލް ޕީސް ކޭމްޕް" ބޭއްވުވަށް ހަމަޖެހިފައިވަނީ ސަޢުދި އަރަބިއްޔާގެ ރިޔާޒުގައި އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަޔަކުން ފެށިގެން ސާދަ ވަނަ ދުވަހާއި ހަމަޔަށެވެ. މި ކޭމްޕުގައި ބައިވެރިވާ ރޯވަރ ސްކައުޓްގެ ހުރިހާ ޚަރަދެއް ދޭނީ ސައުދި އަރަބިޔަން ސްކައުޓް އެސޯސިއޭޝަނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވިސާ އާއި ފްލައިޓް ދެކޮޅު ޓިކެޓް އަދި ސައުދީ ގައި ހުރުމުގެ ޚަރަދާއި ކޭމްޕް ފީގެ އިތުރުން ސައުދީގެ އެތެރޭގެ ދަތުރުފަތުރުގެ ޚަރަދެވެ.

"އިންޓަނޭޝަނަލް ޕީސް ކޭމްޕް" ގައި ބައިވެރިވާން ބޭނުންވާ އެންމެހައި ރޯވަރ ސްކައުޓުން ޕާސްޕޯޓް ސައިޒްގެ ހަތަރު ފޮޓޮއާއި ޕާސްޕޯޓް ކޮޕީ މިމަހުގެ 15 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެ ރޯވަރ ސްކައުޓަކު ހިމެނޭ ސްކައުޓް ގުރޫޕް މެދުވެރިކޮށް ދިވެހިރާއްޖޭގެ ޤައުމީ ސްކައުޓް އެސޯސިއޭޝަނަށް ހުށައެޅުމަށް ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ހުޅުވާލާފައެވެ.

2 ވަނަ "އިންޓަނޭޝަނަލް ޕީސް ކޭމްޕް" ބާއްވާފައި ވަނީ 2014 ވަނައަހަރު ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައެވެ. އެ ކޭމްޕުގަވެސް ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ޢަދަދެއްގެ ސްކައުޓުން ބައިވެރިވިއެވެ.