ޚަބަރު

ހުޅުމާލެ-މާލެ ފެރީގެ ޚިދުމަތް މެދުކަނޑާލާގަޑި އަވަސްކޮށްފި


އެމްޓީސީސީން މާލެއާއި ހުޅުމާލެއާއި ދޭތެރޭ ދަތުރުކުރާ ފެރީތަކުގެ ޝެޑިއުލްތަކަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ.

ސިނަމާލޭ ބްރިޖް ހުޅުވުމާއެކު ފެރީ ބޭނުންކުރަމުންދާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެން މީގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއިން ވަނީ ކޮންމެ 20 މިނެޓަކުން އޮތް ފެރީ 10 މިނެޓާއި 15 މިނެޓަށް ބަދަލުކޮށްފައެވެ.

އެމްޓީސީސީން ނޮވެމްބަރު މަހަށް ނެރެފައިވާ ދަތުރުގެ ތާވަލަށް ބަލާލާއިރު ކޮންމެ 10 މިނެޓަކާއި 15 މިނެޓަކުން ފެރީގެ ގަޑިތައް އޮތް ނަމަވެސް ފެރީގެ ދަތުރުތައް އޮންނާނެ އެންމެ ފަހުގެ ގަޑިއަކަށް ކަނޑައަޅާފައިވަނީ ދަންވަރު ބާރަގަޑި ބައެވެ. ކުރިން ފެރީގެ ޚިދުމަތް ދޭ އެންމެ ފަހު ގަޑިއަކަށް ކަނޑައަޅާފައިވަނީ ދަންވަރު ދެގަޑި ބައެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު ނާޒިމް ވިދާޅުވީ ބްރިޖް ހުޅުވިގެން ދިއުމާއެކު ފެރީގެ ޚިދުމަތް ލިބިގަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އެގޮތުން ކުރިން ދުވާލެއްގެ މައްޗަށް ފަންސަވީސް ހާސް މީހުން ދަތުރިނަމަވެސް މިހާރު ފެރީގެ ޚިދުމަތް ލިބިގަންނަނީ ހަތް ހާހެއްހާ މީހުން ކަމަށް އޭނާ ފާހަގަކުރިއެވެ. ނަޒީމް ވިދާޅުވީ މީގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުން ލިބެމުންދާތީ ފެރީގެ ގަޑިތައް އަވަސްކުރަން ނިންމީކަމަށެވެ.

"
"ހަތެއް ސެޕްޓެމްބަރުގައި ބްރިޖް ހުޅުވި ފަހުން ފެރީގެ ޚިދުމަތް ލިބިގަންނަން އަންނަ މީހުން ވަރަށް މަދު. ކުރިން 25،000 ހާހެއްހާ މީހުން ދުވާލެއްގެ މަތިން ފެރީން ދަތުރުކުރޭ. އެހެންނަމަވެސް މިހާރު ކިރިޔާ ހަތް ހާހަށް އަރަނީ. އަދި ބާރައިގެ ފަހުން ފެރީގެ ޚިދުމަތް ލިބިގަންނަން އަންނަނީ ވެސް 4 ވަރަކަށް މީހުން. މިހެން ދާތީ ވަރަށް ގެއްލުން ލިބޭ. އެހެންވެ ބާރަގަޑި ބަޔަށް ބަދަލުކުރީ"
އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާރޓްމެންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު ނާޒިމް

ފެރީގެ ޚިދުމަތްތަކަށް ބަދަލުގެނެސްފައިވާއިރު އެމްޓިސީސީއިން ބުނީ ކާގޯ ފެރީއާއި އެކްސްޕްރެސް ފެރީގެ ޚިދުމަތަށް ވެސް ކުރިއަށް އޮތް ތާނގައި ބަދަލު އައުން އެކަށީގެންވާކަމަށެވެ. އެމްޓިސީސީން މިހާރު ވަނީ ޑިމާންޑް ނުލިބުމުގެ ސަބަބުން ސައިކަލު އުފުލުމަށް ޚާއްސަކޮށްފައިވާ ސައިކަލު ފެރީގެ އިތުރުން އާންމު ފެރީތަކުންވެސް ސައިކަލު އުފުލުން ހުއްޓާލާފައެވެ.