ޚަބަރު

ޕީޕީއެމްގެ ޤައުމީ ޖަލްސާ ބަލައިނުގަތީ ޤާނޫނާ ޚިލާފުވެފައިވާތީ - އީސީ


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ފަހު ބޭއްވި ޤައުމީ ޖަލްސާގެ ނިންމުންތައް ބަލައިނުގަތީ އެއީ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ބޭއްވި ކޮންގްރެސްއަކަށް ވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓުގައި ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހައިކޯޓްގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި ޕީޕީއެމްގެ ޤާނޫނީ ޓީމުގެފަރާތުން ވިދާޅުވީ، އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޕާޓީގެ ސިޔާސީ ޙަރަކާތްތައް ހުއްޓިފައި އޮންނައޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ޕީޕީއެމްގެ ކޮންގްރެސްގެ ކުރިން އެޕާޓީގެ ކައުންސިލްގެ ޚާއްޞަ ބައްދަލުވުމެއް ބާއްވައި ޚާއްޞަ ގޮތުން ބޭއްވޭ ކޮންގްރެސްގައި ޢަމަލު ކުރާނެގޮތްތަކެއް ނިންމައި އެޕާޓީގެ އަސާސީ ޤަވާއިދުގެ 4 މާއްދާއެއްވެސް ބާތިލުކޮށްފައިވާނެ ކަމަށެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ ކޮންގްރެސް ކުރިއަށް ގެންދިޔައީ އީސީގެ އޮބްޒާވަރުންގެ ހާޒިރުގައި ކަމަށެވެ. އަދި އެއަށްފަހު ސިޔާސީ ޕާޓީތަކުގެ ޤާނޫނުނާއި އެއްގޮތަށް ކޮންގްރެސް ނިމުނުތާ 15 ދުވަހުގެތެރޭގައި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

ޕީޕީއެމުން ހައިކޯޓުގައި އެދުނީ އެ ޕާޓީގެ ކޮންގްރެސްގެ ނިންމުންތަކަކީ އަސާސީ ޤަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއްކަމަށް އީސީން ބުނި ނަމަވެސް، އެއީ ޞައްޙަ ވާހަކަތަކަކަށް ނުވާތީ، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު ޕީޕީއެމުން މާލޭގައި ބޭއްވި ޚާއްޞަ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އީސީން ނިންމި ނިންމުން ބާތިލު ކޮށްދެއްވުމަށެވެ.

ޕީޕީއެމްގެ ދައުވާއަށް އިންކާރުކޮށް އީސީގެ ޤާނޫނީ ޓީމުގެ ފަރާތުން ވިދާޅުވީ، ޕީޕީއެމުންބުނާ ބައެއް ކަންކަން ދަޢުވާގައި އެދިފައިވާ އެދުމާ ގުޅުން ނެތް ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އަސާސީ ޤަވާއިދާއި، އެ ޕާޓީގެ އިންތިޚާބުތަކާބެހޭ ޤަވާއިދަށް ބަލާއިރު ޤައުމީ ޖަލްސާ އާއި ޚާއްޞަގޮތުން ބާއްވާ ޤައުމީ ޖަލްސާތަކުގައިވެސް ޢަމަލުކުރަންޖެހެނީ އެއްގޮތަކަށްކަން ޤަވާއިދުގައި ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އީސީން ބުނީ، ޚާއްޞަގޮތުން ބާއްވާ ޤާއުމީ ޖަލްސާގައި ޢަމަލުކުރާނެ ގޮތްތަކެއް ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމުން ނިންމާފައިވާއިރު، އެ ޕާޓާޓީގެ އަސާސީ ޤަވާއިދުގެ 81 ވަނަ މާއްދާއަށް ބަލާއިރު، އެގޮތަށް ނިންމާ ޢަމަލު ކުރާނެ ގޮތެއް އަސާސީ ޤަވާއިދުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް ޤަވާއިދުން އެނގެން އޮތުމުން އެބާރު ކައުންސިލަށް ލިބިގެން ނުވާކަމަށް އީސީން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ކޮންގްރެސް އިލެކްޝަނުން އޮބްޒަރވް ކޮށްފައިވާކަމަށް ޕީޕީއެމުން ބުނާ ވާހަކަތަކަށް ރައްދު ދެއްވައި އީސީން ބުނީ ކޮންގްރެސް އޮބްޒަރވް ކުރުމަށް ޕީޕީއެމުން އީސީއަށް ދިން ދައުވަތާއެކު ފޮނުވާފައިވަނީ ހަމައެކަނި އިއުލާނެއް ކަމަށެވެ. އަދި ކޮންގްރެސް ކުރިއަށްދާނެ ގޮތާއި، އެކަންކަމާ ގުޅޭ ކަންކަމުގެ ތަފްސީލް ހިއްޞާކޮށްފައި ނުވާކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

ޕީޕީއެމުން ބޭއްވި ޚާއްޞަ ކޮންގްރެސްގައި ވޯޓު ލެވޭނީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށް އޮތް ނަމަވެސް، އެތައް ސިޔާސީ ޕާޓީއެއްގެ އެތައް މެންބަރުންތަކެއް އެ ކޮންގްރެސްގައި އިންތިޚާބުކުރި މަޤާމުތަކަށް މީހުން ހޮވުމުގައި ވޯޓުލާފައިވާކަށް ހައިކޯޓުގެ ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޮންގްރެސްގައި ވޯޓުލުމަށް ވޯޓިން ބޫތްތައް ހުންނަންވާނެގޮތް ޤަވާއިދުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި ވަނިކޮށް ޕީޕީއެމްގެ ކޮންގްރެސްގައި ވޯޓު ލާފައިވަނީ ކޮންމެ މީހެއް ކައިރިއަށް ވޯޓު ފޮށި ގެންދިޔައިމަ އެމީހަކު އަތުގައި އޮންނަ ވޯޓު ކަރުދާސްކޮޅު ފޮށްޓަށް ވައްޓާލައިގެން ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އެކަން ކޮންގްރެސް އޮބްޒަރވް ކުރި އޮފިޝަލުންވެސް ފާހަގަކޮށްފައިވާކަން އީސީން ވަނީ ފާހަގަ ކޮށްފައެވެ.

މިއަދުގެ ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަތުމަށް އެ އިދާރާއިން ނިންމާފައިވަނީ ޤާނޫނު އަސާސީގެ 170 ވަނަ މާއްދާއާއި، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާ އަދި ޕީޕީއެމްގެ އަސާސީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކަނޑައަޅައި ދެއްވުމަށް ހައިކޯޓުގައި އެދިފައެވެ.

މި ދައުވާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވުމަށް ޕީޕީއެމަށް ފުރުޞަތު އެރުވުމުން އެޕާޓީގެ ޤާނޫނީ ޓީމުން ބުނީ، އީސީގެ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ކުރިން އީސީގެ ވާހަކަތަކުގައިވާ ކަންކަން ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ވަނީ ޖަވާބުދާރީވުމަށް ޕީޕީއެމަށް 3 ދުވަހުގެ ފުރުޞަތެއް ދެއްވާފައެވެ.