ޚަބަރު

ފުވައްމުލަކު މާރާމާރީގައި ޒަޚަމްވި ޒުވާނާގެ ހާލު ސީރިއަސް، 2 މީހުން ހައްޔަރުކޮށްފި


ފުވައްމުލައް ސިޓީގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ރޭ ހިނގި މާރާމާރީގައި އުމުރުން 18 އަހަރުގެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށެވެ. އަދި މިމައްސަލައާގުޅިގެން އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާއި، 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަަމަށް ފުލުހުން މައުލޫމާތުދެއެވެ. މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ ފުވައްމުލައް ސިޓީ، މާދަޑު، އަލްޓްރާ، އަހުމަދު އިނާންއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ ފަރުޒާދު ޙަކީމް ވިދާޅުވީ އިނާން އަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެއްކަމަށާއި، މިހާރު އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އެ ޒުވާނާގެ ބޮލާއި، އަތާއި އަދި ފަޔަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާއިރު ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާތީ އިތުރު ފަރުވާއަށް މާލެ ފުރުވާލެވޭގޮތް ވަނީ ނުވެފައެވެ.

މި ޒުވާނާ އަށް ޙަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން ތިބި 2 މީހުންކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ފުލުހުނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 20:50 އެހާކަންހާއިރުއެވެ.