ޚަބަރު

ޤާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެދުމާއެކު އަދުލު އިންސާފުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވޭ- އުއްތަމަ ފަނޑިޔާރު


ޤާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެއްދުމާއެކު އަދުލު އިންސާފުގެ ޤާއިމްކުރުމުގެ ނިޒާމަށް އިންޤިލާބީ ހެޔޮބަދަލުތަކެއް އައިސްފައިވާކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެ ކޯޓުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ކޯޓުގެ ހައިސިއްޔަތުން ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރި ނިންމުންތައް ނިންމުންމަށް ސުޕްރީމް ކޯޓުން އަދާކޮށްފައިވާ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޯޓުގެ ހުކުމްތަކަކީ އިސްލާމްދީނާއި ޤާނޫނު އަސާސީއާއި އެއްގޮތް ވާގޮތުގެ މަތިން ކޮށްފައިވާ ހުކުމްތަކެއްކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ކުރިއަށް އޮތްތަނުގައިވެސް މިކަން މިގޮތަށް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސުޕްރީމް ކޯޓު ހިންގުމުގައި އެންމެ ބޮޑު ދަތިތަކާއި ކުރިމަތިވަނީ އެންމެ އެކަށޭނަ ބަޖެޓެއް ނުލިބޭތީކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ކުރިއަށް އޮތްތަނުގައި މި މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށާއި މަސައްކަތުގެ ފެންވަރު ބެލުމުން 70 އިންސައްތައިން މަތި ޙާސިލްކޮށްފައިވާ މުއައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނެވެ.

މި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ 10 އަހަރު ރަމްޒުކޮށްދޭ ފޮތެއް އިފްތިތާޙުކޮށްފައިވާއިރު، މުނާސަބަތާއި ގުޅުވައިގެންވަނީ ޚާއްސަ ކޭކެއް ފަޅާފައެވެ.

ސުޕްރީމް ކޯޓުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ސަރުކާރުގެ އިސްވެރިންނާއި ޖުޑީޝަރީގެ އިސްވެރިންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛް އަޙުމަދު ފާއިޒް ހުސެއިންއާއި އަލްއުސްތާޛް މުޖުތާޒް ފަހުމީ ބައިވެރިވެވަޑައިގެންނެވިއެވެ.