ތަޢުލީމު

ކިހާދޫގައި ހުންނަ ޓިވެކްއިން ދަސްވެނިވި 44 ދަރިވަރުންނަށް ސެޓްފިކެޓް ދީފި


ބ. ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު، ޓިވެކްއިން ދަސްވެނިވުނު 44 ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

އެސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި މި ދަރިވަރުންނަށް ދަސްވެނިވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޓިވެކްގެ އެކެޑަމިކް ޑައިރެކްޓަރ ނާޝިހް ޖަމާލްއެވެ. ދަސްވެނިވުނު ކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ ޓިވެކުން ހިންގާފައިވާ 3 ކޯސްކަމަށްވާ ޑީސަލްއާ ޕެޓްރޯލް އިންޖީނު މަރާމާތުކުރުމާ، އިލެކްޓްރިޝަން، އަދި އެއަރ ކަންޑިސަން ރެފްރިޖަރޭޝަންއިން ލެވަލް 3 ހާސިލް ކުރި 44 ދަރިވަރަކަށެވެ.

އިލެކްޓްރިޝަންގެ ދާއިރާއިން ލެވަލް 3ގެ ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 12 ކުދިންނެވެ. އިންޖީނު މަރާމާތު ކުރުމުގެދާއިރާއިން 17 ކުދިން ސެޓްފިކެޓް ހާސިލްކުރިއިރު އެއަރ ކަންޑިޝަން ރެފްރިޖަރޭޝަންގެ ދާއިރާއިން 15 ކުދިން ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ދަސްވެނިވުނު ދަރިވަރުން ބުނީ މިކޯސްތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތު ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނޭކަމަށެވެ.

ދަސްވެނިވުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކި ގޮތްގޮތުން އެސެންޓަރަށް އެޙީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކުރިއެވެ. ހަނދާނީ ފިލާތައް ހަވާލުކޮށްދެއްވީ ކޯސްޓްލައިން ފައުންޑޭޝަންގެ ރައީސާ ޝަބީނާ އަޙްމަދު މަނިކާއި، ކޯސްޓަލައިންގެ ޑައިރެކްޓަރ ހުސެއިން މުހައްމަދުގެ އިތުރުން ޓިވެކްގެ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު ނަޒީފްއެވެ.