ޚަބަރު

ޑޮކްޓަރީކަމުގެ ކޯހުގެ ފުރަތަމަ މޮޑިއުލް ކިޔަވައިދޭނީ މެލޭޝިއާގައި- ޤައުމީ ޔުނިވަރސިޓީ


ރާއްޖޭގައި އަލަށް ފަށާ ޑޮކްޓަރީކަމުގެ ކޯހުގެ ފުރަތަމަ މޮޑިއުލް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގައިކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބުނެފިއެވެ.

މުޅިން އަލަށް ރާއްޖޭގައި ފަށާ މި ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، އެމްއެންޔޫއާއި، މެލޭޝިއާގެ ޔުނިވަރސިޓީއަކާ ގުޅިގެންނެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން އަލަށް އުފެއްދި މެޑިސިން ސްކޫލުގެ ޑީން ޑރ.ޝީޒާ ޢަލީ ވިދާޅުވީ ނޮވެމްބަރުމަހު ފުރަތަމަ މޮޑިއުލްގެ ކިޔެވުން ފެށުމަށް ދަރިވަރުން މެލޭޝިއާއަށް ދާނެކަމަށެވެ.

މެޑިސިންގެ ފުރަތަމަ ބެޗުގައި ބައިވެރިވެފައިވަނީ 23 ދަރިވަރުންނެވެ. އެގޮތުން ކިޔެވުން ފެށުމުގެ ކުރިން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މިހާރު ނިމިފައިވާއިރު، ފުރަތަމަ ކުރިއަށްގެންދާނީ "ސްމާރޓް ލަރނިންގ ޕްރޮގްރާމް"އެއް ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. މި ޕްރޮގްރާމަކީ ކުދިން ކޯހަށް އަހުލުވެރިކޮށް ކޯހުގެ ކަންކަން ކުރިއަށްދާގޮށް ކިޔައިދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް މިހާރު ފަށާފައިވާއިރު ޕްރޮގްރާމް 4 ދުވަހަށް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްގެތެރެއިން، ރަސްމީކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރާ މެޑިކަލް ސްކޫލްގެ ކަންކަން ކުރިއަށްދާ ގޮތް ބަލާލުމަށް ދަރިވަރުންނާއެކު ޒިޔާރަތް ކުރާނެކަމަށް ޑރ.ޝީޒާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި މެޑިސިން ކިޔެވުމަށް ޚާއްސަކޮށްގެން ހަދާ ކްލާސްރޫމްތަކުގައި ކިޔަވައިދޭން ފެށޭވަރުވާނީ އަންނަ ފެބްރުއަރީ މަހުކަމަށެވެ.

މެޑިކަލް ކޮލެޖުގެ ފުރަތަމަ ބެޗުކައި ލެކްޗަރާއިންގެ ގޮތުގައި ހަރަކާތްތެރިވާނީ ޕާކިސްތާންގެ ލެކްޗަރާއިން، ނަމަވެސް ދިވެހި ޑޮކްޓަރުންނަށްވެސް ލެކްޗަރާއިންގެ ގޮތުގައި އެމްއެންޔޫއާއި ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ. މި ކޯހުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 18 ދަރިވަރުންނަށް ސަރުކާރުންވަނީ ޒަކާތު ފަންޑުގެ ދަށުން ލޯނު އެހީ ހަމަޖައްސައިދީފައެވެ.