ޚަބަރު

ރާޖަޕަކްސައާ އެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރަން އިންޑިޔާއިން ނިންމައިފި


ސްރީލަންކާގެ އާ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއެކު ޑިޕްލޮމެޓިކް އަދި ސިޔާސީ ގުޅުންތައް ޤާއިމުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.

ސްރީލަންކާގެ ރައީސް މައިތިރީޕަލާ ސިރިސޭނާ އެ ޤައުމުގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަންކުރައްވާފައިވަނީ މިދިޔަ ހުކުރު ދުވަހު، އެ މަޤާމުގައި ހުންނެވި ރަނިލް ވިކްރަމްސިންގްހަ މަޤާމުން ދުރުކުރެއްވުމަށް ފަހުގައެވެ.

ސިރިސޭނާ މިގޮތަށް ނިންމެވީ އޭނާ އަވަހާރަކޮށްލުމަށް ބަޔަކު ރޭވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މީގެ އިތުރުން ސްރީލަންކާގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

އޭނާ މަޤާމުން ދުރުކުރައްވާފައިވަނީ އެ ޤައުމުގެ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް، ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ. އިންޑިއާގެ އޮފިޝަލުން ބުނެފައިވަނީ އެ ޤައުމުގެ ޑިޕްލޮމެޓުން މިހާރު ވަނީ ރާޖަޕަކްސާއާ ގުޅުންތައް ޤާއިމުކޮށްފައި ކަމަށާއި އިންޑިއާއިން އޮތީ ސްރީލަންކާގެ އާ ބޮޑުވަޒީރާއެކު ސިޔާސީ އަދި ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަށް ތައްޔާރަށްކަމަށެވެ.

އެހެންނަމަވެސް، ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންތޯ ބެލުމަކީ އިންޑިއާއަށް މުހިއްމު ކަމެއްކަމަށްވެސް އިންޑިއާގެ އޮފިޝަލުން ވަނީ ބުނެފައެވެ.