ޚަބަރު

ރައީސް ނަޝީދާއެކު ރާއްޖެ ވަޑައިގަތުމަށް އިންތިޚާބީ ރައީސް ލަންކާއަށް ވަޑައިގަންނަވަނީ


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފުޅެއްގައި މާދަމާ ސްރީލަންކާއަށް ވަޑައިގަންނެވުމަށް ހަމަޖެހިފައިވާކަމަށާއި، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ރައީސް ނަޝީދާއެކު ކަމަށް އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞޯލިޙްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް މާދަމާ ނުރަސްމީ ދަތުރުފުޅެއް ލަންކާއަށް ދަތުރުފުޅު ކުރެއްވުމަށް ނިންމަވާފައިވާކަމަށާއި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ރައީސް ނަޝީދާއެކުގައިކަމަށެވެ. ރައީސް މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 1 ވަނަ ދުވަހުއެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެމްޑީޕީން ވަނީ ރާވާފައެވެ.

"ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކުރައްވާފައިވާތީ މިކަމަށް މަރުޙަބާ ދަންނަވަން. ރައީސް ޞޯލިޙް މާދަން ފުރާވަޑައިގަންނަވާނެ ސްރީލަންކާއަށް، އެމަނިކުފަނު އެނބުރި ވަޑައިގަންނަވާނީ މާދަމާ ނޫން އަނެއްދުވަހު، 1 ނޮވެމްބަރު 2018 ގައި ރައީސް ނަޝީދާއެކުގައި" މާރިޔާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސިފައިންތަކަކަށް ފްލެޓް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ އެމައްސަލަ އެމްޑީޕީގެ ފަރާތުން އޭސީސީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުޙަލާގެ ކަންކަން ނިމުމަކާ ގާތްވެފައިވާކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.