ޚަބަރު

އައްޑޫ ސިޓީއާއި ފ.އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހި މޫސުން ގޯސް


އައްޑޫ ސިޓީއާއި ފ.އަތޮޅާ ދެމެދަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ބެލެވޭތީ މޫސުމަށް ސަމާލުވުމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްސީ)އިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންޑީއެމްސީގެ ޕްރޮޖެކްޓް ޑިރެކްޓަރ ހިސާން ހަސަން ވިދާޅުވީ މިސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށިގެންވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިރު މިފަދަ ހާދިސާއެއް އެ އިދާރާއަށް ރިޕޯޓުކޮއްފައި ނުވާކަމަށް ހިސާން ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް މީޓްރޮލޮޖިކަލް ސާރވިސްއިން މިއަދު ހެނދުނު ނެރެފައިވާ ވައިޓް އެލަރޓްގައި ވާގޮތުގެ މަތިން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ. އަދި ގުގުރުންވެސް އެކަށީގެންވާކަމަށް އެއިދާޜާއިން ލަފާކުރެއެވެ.

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭކަމަށާ މިވިއްސާރައިގައި އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނެއްގައި އަދި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ.

މީގެއިތުރުން ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާރވިސްއިން ލަފާކުރެއެވެ. މީގެއިތުރުން އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވާނެކަމަށާ މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާރވިސްއިން އިލްތިމާސްކުރެއެވެ.