ޚަބަރު

ޓިވެކްއިން ތަމްރީން ފުރިހަމަކުރި ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކެރިއަރ ޑޭއެއް ބާއްވައިފި


ބ.ކިހާދޫގައި ހުންނަ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ ސެންޓަރ، ޓިވެކްއިން ކެރީއަރ ޑޭއެއް ބާއްވައިފިއެވެ.

ކިހާދޫގައި ހުންނަ ޓިވެކް ސެންޓަރުގައި ބޭއްވި ކެރިއާ ޑޭގެ އެންމެ ބޮޑު މަޤްޞަދަކީ ޓިވެކްގެ ދަށުން ތަމްރީންތައް ފުރިހަމަކުރާ ދަރިވަރުންނަށް ރިސޯޓްތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންކަމަށް ޓިވެކުން ބުނެއެވެ.

ޓިވެކްގެ އެގްޒެކްޓިވް ޑިރެކްޓަރ މުޙައްމަދު ނަޒީފް ވިދާޅުވީ ކެރިއަރ ޑޭ ވަރަށް ކާމިޔާބުކަމަށާއި ބޮޑެތި ރިސޯޓްތަކާއި ކުންފުނިތަކުން ކެރިއަރ ޑޭގައި ބައިވެރިވިކަމަށެވެ. އަދި ޓިވެކުން ތަމްރީންވާ ދަރިވަރުންގެ ފެންވަރު ކުންފުނިތަކުން ފާހަގަކުރާކަމަށްވެސް ނަޒީފް ވިދާޅުވިއެވެ.

މި ހަރަކާތުގައި ބައިވެރިވި ރިސޯޓްތަކުން ބުނީ މިއީ ވަރަށް ކާމިޔާބު ކެރިއަރ ޑޭ އެއްކަމަށާއި ކޮންމެ ކުއްޖަކާ ވަކިން އިންޓަރވިއު ކުރިއިރު، އެންމެ ބޮޑަށް ފެނިގެން ދިޔައީ ޓިވެކް ސެންޓަރުން ތަމްރީނުކޮށްފައި ތިބި ކުދިންނަކީ އަޙްލާގީ ގޮތުން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި ކުދިންތަކެއްކަމެވެ. އަދި އިންޖިނިއަރިންގ ދާއިރާއިން ރިސޯޓުތަކާ ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން އެކުދިންގެ ކިބައިގައި ހުރިކަންވެސް އެފަރާތްތަކުން ފާހަގަކުރިއެވެ.

ޓިވެކް ސެންޓަރުން ހިންގާފައިވާ ތިން ކޯސްކަމަށްވާ ޑީސަލާއި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއަރ ކޮންޑިޝަންއާއި ރެފްރިޖަރޭޓަރ މަރާމާތުކުރުމުގެ ކޯސްތަކުގައި 44 ދަރިވަރަކު ބައިވެރިވެ، ތަމްރީން ވަނީ ފުރިހަމަކޮށްފައެވެ. އަދި މިކުދިން ވަނީ ރިސޯޓްތަކާއި ކުންފުނިތަކުގައި ޢަމަލީ ތަޖުރިބާ ހޯދާފައެވެ.

ޖުމްލަ 12 އަތޮޅެއްގެ 31 ރަށަކުން 44 ދަރިވަރުން ތަމްރީންވެފައިވާއިރު، މިމަހުގެ 31 ވަނަ ދުވަހު މިކުދިންގެ ގްރެޖުއޭޝަން އޮންނާނެކަމަށް ޓިވެކުން ބުނެއެވެ.