ދިވެހިންގެ މެދުގައި އަދި ވަކިން ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ބައިސްކަލު ދުއްވުމުގެ އާދަ ބަލައިގަންނަ މިންވަރު އިތުރުވަމުން އަންނަކަމަށް ރާއްޖޭގައި ބައިސްކަލު ދުއްވުމުގެ ހަރަކާތްތަށް ހިންގާ ރާވާ ޖަމިއްޔާ ބައިކް މޯލްޑިވްސްއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަސްމާ ޙަސަން ވިދާޅުވީ 2015 ވަނަ އަހަރު އެ ޖަމިއްޔާ އުފެދުނީއްސުރެ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގެ ހެޔޮ އަސަރު މާލެ ސިޓީއިން އެކަނިވެސް ފެންނަމުންދާކަމަށެވެ. އެގޮތުން ފަހަރަކަށްވުރެ ފަހަރަކުން އެޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އަންނަ މީހުން އިތުރުވުމަކީ މިކަން ހާމަކޮށްދޭ ކަމެއްކަމަށް އަސްމާ ވިދާޅުވިއެވެ.
މިއަންނަ މަހުގެ 9 އިން 11 އަށް އެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ނެޝަނަލް ބައިކް ޗެމްޕިއަންޝިޕްގެ މަޢުލޫމާތު ޙިއްޞާކުރައްވަމުން އަސްމާ ވިދާޅުވީ މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށްގެންދާނީ އޯޕަން ކެޓަގަރީތަކަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ދިގު ދުއްވުން ތަކަކާއި ކުރު ދުއްވުންތަކަކަށް މި އަހަރުގެ ބައިސްކަލު ޗެމްޕިއަންޝިޕް ބަހާލަފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރުގެ މުބާރާތުގައި އަންހެނުންގެ ބަޔާއި، ފިރިހެނުންގެ ބައި ވަކިން އިންސާފުކުރުމަށް ނިންމާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި އެ ޖަމިއްޔާގެ މެމްބަރުން ނޫން ފަރާތްތަކުން ދުއިސައްތަ ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށް އަސްމާ ވިދާޅުވިއެވެ. އަދި އެޖަމިއްޔާގެ މެމްބަރުންނަށް މުޅިން ހިލޭ މި މުބާރާތުގައި ބައިވެރިވެވޭނެކަމަށް އަސްމާ ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ދިވެހިންގެ ތެރޭގައި ބައިސްކަލް އާންމުކުރުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމައް އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ދުއިސައްތައެއްހާ މެންބަރުން ރަޖިސްޓްރީވެފައިވާ ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އިތުރުކޮށް ފުޅާކުރުމުގެ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް އެ ޖަމިއްޔާއިން ދަނީ ޙަރަކާތްތައް ކުރިއަށްގެންދަމުންނެވެ.