ޚަބަރު

ބޭރުގެ ކޭންޕްތަކުގެ ބައިވެރިވުމަށް ލިބުމަކީ ލިބޭ ހިތްވަރެއް - ކެޑޭޓް ކޯޕްސް


ބޭރުގައުމުތަކުގައި ބާއްވާ ކޭމްޕްތަކުގައި ދިވެހި ކެޑޭޓުން ބައިވެރިވުމުގެ ފުރުޞަތު އިތުރުވުމަކީ ދިވެހިރާއްޖެއިން މިދާއިރާގައި ހޯދާފައިވާ ކާމިޔާބީ ހާމަކޮއްދޭކަމެއްކަމަށް މޯލްޑިވްސް ކެޑޭޓް ކޯޕްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަރނަލް މުޙައްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި އޮތް ހަރމަން ލޫސް ޓްރޮފީ ޗެލެންޖް ކޭމްޕް 2018 ނިންމާލުމަށްފަހު ރާއްޖެއައި ސްކައުޓް ޓީމްގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ކެޑޭޓް ކޯޕްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަރނަލް މުޙައްމަދު އަޝްރަފް ވިދާޅުވީ މިފަދަ ފުރުސަތުތަކަކީ ދިވެހި ކެޑޭޓުންގެ ފެންވަރު ރަނަގަޅުކޮށް އަމަލީ ތަޖުރިބާ ލިބިގަތުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. އަވައްޓެރި ސްރިލަންކާގައި ބޭއްވި މިފަހަރުގެ ކޭމްޕްގެ ތެރެއިން އެ ޤައުމުގެ ސަރުކާރުގެ އިސްފަރާތްތަކާއި ބައްދަލުކުރުމުގެ ފުރުސަތު ދިވެހި ވަފުދަށް ލިބިފައިވާއިރު، ލަންކާގައި ދިވެހި ސިފައިން ތަމްރީންކުރާ މަރުކަޒުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެން ދިޔަކަން ކަރނަލް މުޙައްމަދު އަޝްރަފް ފާހަގަކުރެއްވެވިއެވެ.

މިމަހުގެ ވިހިން ހަތާވީހަށް ކުރިއަށްގެންދިޔަ މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ 10 ކެޑޭޓުންނަށް ލިބިގެންގޮސްފައިވެއެވެ. މި 10 ކެޑޭޓުން ހޮވާފައިވަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކެޑޭޓުންނަށް ހުޅުވާލައިގެން ބޭއްވި ޚާއްސަ އިންޓަވިއުއެއްގެ ތެރެއިންކަމަށް މޯލްޑިވްސް ކެޑޭޓް ކޯޕްސްއިން މައުލޫމާތުދެއެވެ.

މޯލްޑިވްސް ކެޑޭޓް ކޯޕްސްއިން މައުލޫމާތުދޭގޮތުގައި އަހަރަކަށްވުރެ އަހަރެއް ކެޑޭޓް ފޯސް ބާރުވެރިކުރުމަށްކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށާއި، މިއަންނަ އަހަރަށްވެސް މިކަން މިގޮތުގައި ދެމެހެއްޓުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށެވެ.