ޚަބަރު

އެމަޖަންސީ ޙާލަތުގައި ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމާގުޅޭގޮތުން މަޝްވަރާކޮށްފި


އެމަޖަންސީ ޙާލަތުގައި ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ މަހާސިންތާއެއް ބާއްވައިފިއެވެ.

މޯލްޑިވްސް ސޮސައިޓީ އޮފް ކްރިޓިކަލް ކެއަރ އެންޑް އެމަޖަންސީ މެޑިސިންގެ ފަރާތުން އިންތިޒާމްކުރާ އިމަޖަންސީ ޙާލަތުގައި ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ކޮށްގެން ބާއްވާ މަހާސިންތާ، ކްރިޓީކޯން ކޮންފަރެންސް ކުރިޔަށް ގެންގޮސްފައިވަނީ ބަންޑޮސް އައިލެންޑް ރިސޯޓްގައެވެ.

މި މަހާސިންތާގައި ކްރިޓިކަލް ކެއަރ އަދި އެމަޖަންސީ މެޑިސިންގެ ދާއިރާއިން އެންމެ ފަހުގެ ޚިދުމަތްތަކާއި، ވަސީލަތްތަކުގެ މައުލޫމަތު ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ކޮންފަރެންސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. ކްރިޓިކޯން މޯލްޑިވްސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ޑރ އައިމިނަތު ޒޭބާ ވިދާޅުވީ އެބޭފުޅުންގެ މަޤްސަދަކީ މިދާއިރާގެ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި މައުލޫމަތު ފޯރުކޮށްދިނުންކަމަށެވެ.

"ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް މިކަމާގުޅިގެން ބޭނުންވާ އިތުރު ތަމްރީންތައް ފޯރުކޮށްދިނުން. އޭގެއިތުރުން އަޅުގަނޑުމެންގެ ދާއިރާގައި އެމަޖަންސީ މެޑިސިން ނުވަތަ ކްރިޓިކަލް ކެއަރ ކޮންސެޕްޓް އަދިވެސް އެހާ އާންމެއް ނޫން. މިދާއިރާގައި ތަމްރީން ލިބިފައިވާ ސްޕެޝަލިސްޓް ޑޮކްޓަރުންވެސް އަދި ނަރުހުންވެސް ނެތޭވެސް ބުނެވިދާނެ. ކްރިޓިކަލް ކެއަރ ސްޕެޝަލިސްޓުންނެއް ނެތް. އެމަޖަންސީ މެޑިސިންގެ އެންމެ ދެ ޑޮކްޓަރުން މިތިއްބެވީ. އޭގެއިތުރުން ނަރުހުންވެސް އެބަޖެހޭ ކްރިޓިކަލް ކެއަރގެ ތަމްރީން ދޭން. އެޕްރޮގްރާމް މާލޭގެ ނާރސިން ސްކޫލްގައި ފައްޓަވައިގެން އުޅުއްވަނީ. އަޅުގަނޑުމެން ބޭނުން އެމަޖަންސީ މެޑިސިން ޕްރޮގްރާމްތަކެއް ނަރުހުންނަށް ދޭން." އައިޖީއެމްއެޗްގެ އެމަޖަންސީ މެޑިސިން ކޮންސަލްޓެންޓު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި، ކްލިނިކްތަކުން 110 ޑޮކްޓަރުންނާ ނަރުހުން ބައިވެރިވާ މިކޮންފަރެންސްގައި ރާއްޖެއާ ރާއްޖެއިން ބޭރުގައި ކްރިޓިކަލް ކެއަރ އަދި އެމަރޖަންސީ މެޑިސިންގެ ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ 13 ތަޖުރިބާކާރުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ބައިވެރިވި ތަޖުރިބާކާރުންނާ، ނަރުހުން އަދި ޑޮކްޓަރުންވެސް މިފަދަ ކޮންފަރެންސެއް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.