ޚަބަރު

ފުރަތަމަ 6 މަސްދުވަހު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ޢިމާރާތްކުރުމުގެ ދާއިރާއަށް


މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތި އިމްޕޯޓްކުރުމަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ޚަރަދުތަކާ ގުޅޭ ރިޕޯޓުން ދައްކާގޮތުން ގެދޮރު އިމާތާރްކުރުމާ ގުޅޭ ތަކެތި ގަތުމަށް ޖުމްލަ 253.7 މިލިއަން ޑޮލަރު ވަނީ ޙަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 166.6 މިލިއަން އެމެރިކާ ޑޮލަރުގެ މުދަލެވެ.

ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްސަކޮށްގެން އެތެރެކުރި މުދަލުގެ ގެތެރޭގައި، ދަގަނޑާއި، ސިމެންތިއާއި، ހިލަޔާއި ހިލަވެއްޔާއި، ލަކުޑިފަދަ ސާމާނު ހިމެނެއެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އިމާރާތްކުރުމުގެ ދާއިރާއަށްވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ޚާއްސަކޮށް ޕަބްލިކް ސެކްޓަރ ކުރިއެރުމަށް ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫޢުތައް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ކޮންސްޓްރަކްޝަންގެ ބިނަ މަޝްރޫޢުތަކާއި، ސިނަމާލެ ބުރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލްފަދަ މަޝްރޫޢުތައް އެމްއެމްއޭގެ މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ޚަރަދުތަކާ ގުޅޭ ރިޕޯޓުގައި މި ދާއިރާގެ މަސައްކަތްތަކަށް ނަގަމުންދާ ލޯނުތައްވެސް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. ރިސޯޓްތައް ތަރައްޤީކުރުމާއި، ގެދޮރު އިމާރާތްކުރުމުގެ އެކިއެކި މަސައްކަތްތަކަށް ނަގާ ލޯނުގެ ނިސްބަތް، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 23 އިންސައްތައަށް އިތުރުވެފައިވަކަން މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.