ޚަބަރު

އޮޕްޓި ކެއަރއިން ބ. އަތޮޅުގެ ހުރިހާ ރަށެގައި އައި ކޭމްޕްތައް ބާއްވަނީ


އޮޕްޓި ކެއަރއާއި ބ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ބ. އަތޮޅުގެ ރަށްރަށުގައި އައިކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު ވަހީދު ވިދާޅުވީ މި އައި ކޭމްޕް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. އޭދަފުށީގައިކަމަށެވެ. އެއައްފަހު އެ އަތޮޅުގެ އެހެން ރަށްތަކަށް މިޓީމް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ކޭމްޕްގައި ލޯ ޓެސްޓް ކުރުމާއި، ނަންބަރު ނެގުމުގެ ޚިދުމަތް މުޅިން ހިލޭ ލިބޭނެކަމަށާއި، ހެޔޮ އަގުގައި ނަންބަރު އައިނު އަދި ކޮންޓެކްޓް ލެންސް ލިބޭނެ އިންތިޒާމް އޮޕްޓި ކެއަރއިން ހަމަޖައްސާފައިވާކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި ކޭމްޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅު ރަށްރަށުގެ ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރތަކުގައިކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި ކޭމްޕްގެ އަމާޒަކީ ލޮލުގެ ފަރުވާ ހޯދަން ބޭނުންވެފައިތިބި ބ. އަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިޚިދުމަތް ފޯރުކޮށްދިނުންކަމަށާއި، މި ކޭމްޕްގައި ޑޮކްޓަރަށް ދައްކަން ބެނުންވާ ފަރާތްތަކުން އަތޮޅު ހޮސްޕިޓަލް ނުވަތަ އެއަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ގުޅައިގެން ނަން ނޯޓު ކުރުން ހުޅުވާލާފައިވާކަމަށް ބ. އަތޮޅު ހޮސްޕިޓަކުން މައުލޫމާތުދެއެވެ.

"ފުރަތަމަ މި ކޭމްޕްފެށިގެން ދާނީ އޭދަފުށީގައި އެއައްފަހު އަތޮޅުތެރެއަށް ދާނީ، މިބަލަނީ ވަރަށް ކާމިޔާބުކަމާއެކީގައި ގެންދެވޭތޯ، މިމަސައްކަތަކީ ރައްޔިތުންނަށް ލިބޭވަރަށް ބޮޑު ލުއެއްގޮތަށް ދެކެނީ، މާލެ ނުގޮސް ރަށުުގައި ތިބެގެން މިޚިދުމަތް ލިބުން އެއީ ހަމަ ވަރަށް ބޮޑު ލުޔެއްކަމަށް ދެކެން، ބ. އަތޮޅުގެ ރައްޔިތުން ވަރަށްބޮޑަށް އެދިގެން ބާއްވާ ކޭމްޕްއެއް މީ" ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު ވަހީދު ވިދާޅުވިއެވެ.

މި ކޭމްޕް ފަށާނީ މާދަމާއެވެ. މޫސުން ގޯސްވުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކޭމްޕްގެ ތާރީޚަށް އެއްވެސް ބަދަލެއް އަންނަ ނަމަ ބ. އަތޮޅުގެ ސިއްހީ ވުޒާރާތަކަށް އަންގާނެކަމަށް އޮޕްޓި ކެއަރއިން މައުލޫމާތުދެއެވެ. އޮޕްޓި ކެއަރ އަކީ ލޮލުގެ އެކި ބަލިތަކަށް ފަރުވާދޭ ސްރީލަންކާގެ ކުންފުންޏެކެވެ. އެކުންފުނިން ގެންދަނީ ރާއްޖޭގައި ވެސް ޚިދުމަތް ދެމުންނެވެ.