ޚަބަރު

ތިލަފުށި ބޭރުގައި އޮތް ބާޖުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި


ތިލަފުށި ބޭރުގައި އޮތް "ސަން ޓޫނާ" ނަމަކަށް ކިޔާ ބާޖުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 07:50 ހާއިރު ކަމަށެވެ. އަދި ހަމަ އެވަގުތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ބާޖު އޮތް ސަރަޙައްދަށް ގޮސް ރޯވެފައިވާ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފެށިކަމަށެވެ.
އެފްއާރުއެސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 14:25 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ، ބާޖުގައި ރޯވި އަލިފާންގަނޑު ނިންވަން ގިނަ ވަގުތު ނެގީ ، ބާޖުގައި އެމިނޯ ގޭސް ހުރުމުގެ ސަބަބުންކަމަށެވެ.
އަދި އަލިފާން ނިއްވާލެވުނީ ފޮގް ޖަހައިގެން ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

މި ޙާދިސާގައި އަލިިފާން ރޯވީ ބާޖުގެ އިންޖީން ރޫމްގައިކަމަށާއި، ޙާދިސާ ހިނގި އިރު 20 މީހުން ބާޖުގައި ތިބި ނަމަވެސް، އެއިން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"ސަން ޓޫނާ" ބާޖަކީ މަސް ކިރާ އަދި ކަންނެލި މަސްވެރިކަން ކުރާ ދޯނި ފަހަރަށް އައިސް ދޫކުރުމަށް ހަދާފައިވާ 320 ފޫޓު ދިގު ބާޖެކެވެ. ބާޖުގައި ހިނގި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ ތަހުޤީގު ކުރަމުންނެވެ.