ޚަބަރު

8 މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ގޮނޑިއާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ނުނިމިތިބި 8 މެމްބަރުންގެ މައްސަލައިގެ އަޑު އެހުންތައް ސްޕްރީމް ކޯޓުން ނިންމާލައިފިއެވެ.

ސުޕްރީމް ކޯޓުގައި އެއްމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 12 މެމްބަރުންގެ ތެރެއިން މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައިނުވާ ދެމެމްބަރުންގެ ތެރޭގައި ހިމެނޭ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲއާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އަޑުއެހުމެވެ.
މުޙައްމަދު އަބްދުﷲއާއި ޝަހުދީގެ އިތުރުން 10 މެމްބަރެއްގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް އޭގެތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުންވަނީ ހުކުމް ކޮށްފައެވެ. ބާކީ ތިއްބެވި 8 މެންބަރުންގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މިމައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ އެމެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިވެވަޑައިގެންނެފިނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ އެ މެމްބަރަކު ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ.