ޚަބަރު

ފަސްވަނަ ވޯލްޑް ގްރީން އިކޮނޮމީ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ


ފަސްވަނަ ވޯލްޑް ގްރީން އިކޮނޮމީ ސަމިޓުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓު އެންޑް އެނާރޖީ، ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓުގައި މިނިސްޓަރ ތާރިޤް ވަނީ ކީނޯޓް ސްޕީޗެއްދެއްވާފައެވެ. އަދި މި ސަމިޓުގެ ޕެނަލް ޑިސްކަޝަންތަކުގައިވެސް މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ދުބާއީ އިލެކްޓްރިސިޓީ އެންޑް ވޯޓަރ އޮތޯރިޓީ އާއި ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަނުން އިންތިޒާމް ކުރި މިސަމިޓު ބޭއްވީ އޮކްޓޫބަރު މަހުގެ 24-25ހަށް ދުބާއީ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ.

މި ސަމިޓަކީ ގްރީން އިކޮނޮމީ، ނުވަތަ ތިމާވެއްޓަށް އެންމެ ރައްކާތެރިގޮތުގައި ޤައުމުތަކުގެ އިޤްތިޞާދުތައް ކުރިއެރުވޭނެ ގޮތްތަކާބެހޭ ގޮތުން ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ. މިސަމިޓުގައި ޤައުމުތަކުގެ ސަރުކާރުތަކުގެ ވުޒާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢައްތަކުން ބައިވެރިވެއެވެ.

ސަމިޓުގައި، ތިމާވެއްޓަށް ގެންލުން ނުވާނެހެން އިޤްތިޞާދުތައް ބިނާކުރުމަށް ކުރެވޭނެ ކަންކަމާއި، އެކުލެވޭނެ ސިޔާސަތުތަކާއި، ނިޒާމުތަކުގެ މައްޗަށް އަލިއަޅުވާލާ މުހިންމު މަޝްވަރާތަކެއް ކޮށްފައިވެއެވެ. ޚާއްސަކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ހާސިލްކުރުމުގައި ތިމާވެށީގެ އެންމެ ބޮޑު ކޮންފަރެންސްކަމަށްވާ ކޮޕް 21 އަދި 22ގައި ނިންމި ނިންމުންތައް ތަންފީޒުކުރުމާބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.