ޚަބަރު

ގދ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޖޮބް އެންޑް ކެރިއަރ ފެއަރއެއް ބާއްވަނީ


ގދ. އަތޮޅުގެ ޒުވާނުންނަށް ވަޒީފާއާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް "ޖޮބް އެންޑް ކެރިއަރ ފެއަރ" އެއް ބާއްވަން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލާއި ގދ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ބާއްވާ މިފެއަރ އޮންނާނީ އަންނަމަހުގެ 3 ވަނަ ދުވަހު ގދ. އަތޮޅު ތައުލީމީ މަރުކަޒުގައިކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ އެކައުންސިލްގެ ރައީސް، އިބްރާހިމް އައްސަދު ވިދާޅުވީ މިފެއަރ ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ވަޒީފާ ނެތިފައި ތިބި ގދ. އަތޮޅުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި މަތީ ތައުލީމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމެވެ.

"މީގެ މަޤްސަދަކަށް މިއޮތީ ތިނަދޫ އަދި މި ސަރަހައްދުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އަދި ކިޔެވުމުގެ ދާއިރާއިން، ތައުލީމީ ކަންތައްތަކުން ކުރިއަށް ދެވޭނެ މަގު ހުރި ކަން ރައްޔިތުންނަށް ހާމަކޮށްގެން ދިއުން. ޚާއްސަކޮށް އަޅުގަނޑުމެން މީގަ ޓާގެޓު މިކުރަނީ ޒުވާން ކުދިންނަށް،" އައްސަދު ވިދާޅުވިއެވެ.

ފެއަރ އިންތިޒާމްކުރާ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް، ޝިފާޒް މުހައްމަދު ވިދާޅުވީ އަންނަމަހުގެ ބާއްވާ ފެއަރގައި 15 ފަރާތަކުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ތިނަދޫގައި މިވަގުތު ހިންގަމުން އަންނަ ކޮލެޖްތަކާއި ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަހަލަ ފެއަރތަކުގެ ސަބަބުން އެކުންފުނިތަކުގައި ހުރި ވަޒީފާތަކާ ބެހޭގޮތުން އާންމު މުޖަތަމައަށް އޭގެ މައުލޫމާތު ލިބިގެންދާނެ. ދަރިވަރުންނާއި ޒުވާނުންނަށް ލިބިގެންދާނެ. އޭރުން އަސްލު ތިމާއަށް އެންމެ އެކަށީގެންވާ ރަނގަޅު ވަޒީފާއަކީ ކޮބައިކަން އެނގިގެންދާނެ،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުން ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުކުރުމަށްޓަކައި ފެއަރ ބާއްވަނީ އަތޮޅުތެރޭގެ ރަށްރަށުން ތިނަދޫއަށް ފެރީތައް އަންނަ ދުވަހާ ދިމާކޮށްކަމަށެވެ.

ޖޮބް ފެއަރ ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާއިރު މައިގަނޑު ގޮތެއްގައި މިހާރު ކުރަމުންދަނީ ފެއަރ މާކެޓް ކުރުމުގެ މަސައްކަތްކަމަށް ފެއަރ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. އެގޮތުން އަތޮޅުތެރޭގެ ސްކޫލުތަކާއި ކައުންސިލްތައް މެދުވެރިކޮށް ފެއަރގެ މައުލޫމާތު އަތޮޅުތެރެއަށް ފޯރުކޮށްދިނުމުގެ މަސައްކަތާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފެއަރ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެއަރ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

"ޖޮބް އެންޑް ކެރިއަރ ފެއަރ" ނަމުގައި ބާއްވާ މިފެއަރއަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެދުމުގެ މަތިން ކައުންސިލުން ޚަރަދުކޮށްގެން ބާއްވާ ފެއަރއެކެވެ. ފެއަރ އިންތިޒާމުކޮށް، ހިންގާ، ބަލަހައްޓާނީ ތައުލީމީ މަރުކަޒުންނެވެ.