ޚަބަރު

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާބެހޭގޮތުން މަޝްވަރާކޮށްފައިވަނީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑިއާގެ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފޮރ އިންޑިއަން އޯޝަން ރީޖަން، ދިނޭޝް ކޭ ޕަތްނާއިކް އާއި ފޮރިން މިނިސްޓްރީގެ، ސެކެޓްރީ ބައިލޭޓަރަލް އަޙްމަދު ޚަލީލާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއާ އިންޑިއާއާއި ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާ އާއި އެ އެންބަސީގެ އޮފިޝަލުންގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ޕަތްނާއިކްގެ މި ދަތުރުފުޅުގައި، އިންތިޤާލީ ސަރުކާރުގެ އޮފިޝަލުންނާވެސް ބައްދަލްކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.