ޚަބަރު

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ޤާސިމް ކުރިމަތިލައްވައިފި


ޖުމްޙޫރީ ޕާޓީގެ ލީޑަރުކަމަށް ޤާސިމް އިބްރާހިމް ކުރިމަތި ލައްވައިފިއެވެ.

ޖޭޕީ ގެ ލީޑަރުކަމަށް ކުރިމަތިލުމުގެ ފޯމު ޤާސިމް އިބްރާހީމް އިއްޔެ ހުށަހަޅުއްވާފައިވާއިރު، މިހާތަނަށް ލީޑަރުކަމަށް ހުށަހަޅުއްވާފައިވާ ހަމައެކަނި ބޭފުޅަކީވެސް އެމަނިކުފާނުކަމަށް ޖުމްހޫރީ ޕާޓީން މައުލޫމާތުދެއެވެ. ޤާސިމް އިބްރާހީމަކީ ޖުމްހޫރީ ޕާޓީގެ ބާނީއެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުގައި ޤާސިމް އިބްރާހީމް ހުންނަވަނިކޮށް، ކުރިމިނަލް ކޯޓުން ޤާސިމް އިބްރާހީމްގެ މައްޗަށް އިއްވި ޖަލުޙުކުމާ ގުޅިގެން އަމަޤާމު ވަނީ ހުސްވެފައެވެ. އަދި އަލުން އެމަޤާމަށް އެމަނިކުފާނު ކުރިމަތިލައްވާފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރި ޙުކުމް ހައިކޯތުން ބާތިލުކުރުމާގުޅިގެންނެވެ.

އެޕާޓީގެ ލީޑަރު ކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ޖޭޕީން ހުޅުވާލީ މިމަހުގެ 22 ވަނަ ދުވަހު ރޭ ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި 61 މެންބަރުންގެ އިއްތިފާޤުންނެވެ. މިއަހަރުގެ އޮގަސްޓުމަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި އެޕާޓީގެ ލީޑަރުގެ މަޤާމަށް މީހަކު އިންތިޚާބުކޮށްފައެއް ނުވެއެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ ނާއިބު ލީޑަރ ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ.

ޖުމްޙޫރީ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން މައުލޫމާތުދެއެވެ.