ޚަބަރު

އދ. އާއެކު ރާއްޖެއިން ޤާއިމްކުރި ގުޅުމަކީ ޤައުމު ތަރައްޤީ ވުމަށްލިބުނު ހިތްވަރެއް - ފޮރިން މިނިސްޓަރ


އދ. އާއެކު ރާއްޖެއިން ޤާއިމްކުރި ގުޅުމަކީ ޤައުމު އެންމެ ފަޤީރު ޤައުމު ތަކުގެ ލިސްޓުން ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓަށް އެރުމަށް ލިބުނު ހިތްވަރެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާސިމް މިހެން ވިދާޅުވީ އދ. ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚާއްސަ ބަޔާނެއްގައެވެ. މިބަޔާނުގައި ޑރ. އާސިމްވަނީ އދ.ގެ އަސާސަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަން ޤާއިމްކުރުމާއި، ޤައުމުތަކުގެ ސަލާމަތާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގެ މައްޗަށް ބިނާވެފައިވާ ޖަމްޢިއްޔާއެއްކަމަށް ވިދާޅުވެފައެވެ.

މިބަޔާނުގައި ފޮރިން މިނިސްޓަރ ވަނީ އދ. އަކީ ދުނިޔޭގެ ކޮންމެ ކަނެއްގައިވާ ކޮންމެ ބަޔަކަށްވެސް އުންމީދު އާކޮށްދޭ ޖަމްއިއްޔާއެއްކަންވެސް ފާހަގަކުރައްވާފައެވެ. އަދި މެންބަރު ޤައުމުތަކުން އދ.އާ މެދު އޮންނަ އިތުބާރު މިއަދު އާކޮށް، އދ.ގެ ޤަރާރުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކާ ޤައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއިން އަބަދުވެސް އދ.ގެ ޗަރޓަރުގައިވާ ކަންތައްތައް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތަންފީޒުކުރުމުގައި ދެމިތިބޭނެކަމަށްވެސް ޑރ އާސިމް ވިދާޅުވިއެވެ.

މިބަޔާނުގައި ފޮރިން މިނިސްޓަރ އާސިމް ވިދާޅުވީ، ރާއްޖެއިން 1965ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އދ.އާ ގުޅުނީ އެޖަމްޢިއްޔާގެ ޤާބިލިއްޔަތުކަމާމެދު އޮތް އިތުބާރެއްގެ ބޮޑުކަމުންކަމަށާއި، މިއިތުބާރު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާކަމަށެވެ. އަދި އދ.އާއެކު އޮންނަ ގުޅުމަކީ ރާއްޖެއިން އަބަދުވެސް ޚާއްސަ އިސްކަމެއްދޭނެ ގުޅުމެއްކަމަށް ފޮރިން މިނިސްޓަރގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.