ޚަބަރު

މޫސުމަށް ސަމާލުވޭ- ކުރިއަށްއޮތް 24 ގަޑިއިރުވެސް ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ


ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤާއުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 71 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވިނަމަވެސް، ކެރިގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން، މިއަދުގެ ހެނދުނު ހަތަކުން ފެށިގެން މެންދުރުފަހު އެކެއްޖެހުމާއި ހަމައަށް ރ އަތޮޅާއި ގދ އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އެ ސަރަހައްދަށް ވައިޓް އެލަރޓެއްވެސް ނެރެފައެވެ. މި އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.