ޚަބަރު

މިޔަންމާގައި އަދިވެސް ދަނީ ރޮހިންޔާއިންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުން- އދ


2017 ވަނަ އަހަރުގެ އޯގަސްޓް މަހު މިޔަންމާގެ ރަކާންގައި އެ ޤައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ތަޙުޤީޤުކުރި އދގެ ކޮމިޓީއަކުން، އދގެ ސަލާމަތީ މަޖިލީހަށް މަޢުލޫމާތު ދީފިއެވެ.

އދގެ ތަހްޤީޤީ ކޮމިޓީއިން މިކަމާ ގުޅޭ މަޢުލޫމާތު ސަލާމަތީ މަޖިލީހާއެކު ހިއްސާކޮށްފައިވަނީ މިކަން ހުއްޓުވުމަށް ރަޝިޔާ އާއި ޗައިނާއިން މަސައްކަތް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އދގެ ކޮމިޓީގެ އިސްވެރިޔާ މަރްކޫޒީ ދަރުސްމަން ވިދާޅުވީ، މިޔަންމާގައި އަދިވެސް ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިނގަމުންދާކަމަށެވެ. އަދި މިއީ ވަކި ނަޞްލެއް ނައްތާލުމަށް ހިންގަމުންދާ ޢަމަލުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިޔަންމާގެ ރަކާންގައި ބާކީ ތިބި ރޮހިންޔާ މުސްލިމުންވެސް ތިބީ ނުރައްކަލުގެ ތެރޭގައި ކަމަށާއި، އެރަށް ދޫކޮށް ދިޔަ މީހުން ޤައުމަށް އެނބުރާ ދާނެ ކަމާމެދު ސުވާލު އުފެދޭކަމަށް، ދަރުސްމަން ވިދާޅުވިއެވެ.

އަދި އެ މީހުންގެ އަމިއްލަ ވަޒަނުގައި ހަމަހަމަކަން ނުލިބޭނަމަ އެ މީހުން އަނބުރާ ދިއުމަށް މަސައްކަތްވެސް ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ދުރުސްމާން ވަނީ، ރަކާންގައި ހިންގާފައިވާ ޖަރީމާތަކުގެ ޝިކާރައަކަށްވީ އެތައް ބަޔަކަށް އިންސާފު ހޯދައިދިނުމަށް އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ.