ޚަބަރު

ދަރަވަންދޫއިން 8 ގަޑިއިރައް ކަރަންޓް ކެނޑުނީ 2 ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެގެން


ބ.ދަރަވަންދޫއިން އިއްޔެ 8 ގަޑިއިރައް ކަރަންޓް ކެނޑުނީ އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 2 ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާގުޅިގެންކަމަށް އެރަށު އިންޖީނުގެއިން ބުނެފިއެވެ.

ބ.ދަރަވަންދޫ އިންޖީނުގެއިން ބުނީ، އިއްޔެ މެންދުރު ފަހު 1:30 ން ފެށިގެން ރޭގެ 08:30 އަށް އެރަށުން ކަރަންޓް ކެނޑުނީ 2 ޖަނަރޭޓަރެއްގެ މޮޑިއުލް ޕްރޮގްރާމަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ.

މި މައްސަލަ ދިމާވީ ޕެނަލްބޯޑުގެ މަސައްކަތެއް ކުރުމަށް މުޅިރަށުން ކަރަންޓް ކަނޑާލުމަށްފަހު، އެމަސައްކަތް ނިމުމުން، ކަރަންޓް ދިނުމަށް ޖަނަރޭޓަރ ސްޓާޓް ކުރަން އުޅުމުގެތެރޭގައި ސިސްޓަމުން 2 ޖަނަރޭޓަރ ރަގަޅަށް ހިންގައިނުދީގެންކަމަށެވެ. މި މައްސަލަ ދިމާވެފައިވަނީ 600 އާ 400 ކިލޯވޯޓްގެ 2 ޖަނަރޭޓަރަށް ކަމަށްވެސް އެފަރާތުން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ބ.ރީޖަނަލް އޮފީހުން ބުނީ މި މައްސަލަ ހައްލުކުރެވިފައިވީނަމަވެސް އިތުރައް ބަލަންޖެހޭ ބެލުންތައްބެލުމަށް، އެރަށަށް މިއަދު އިންޖިނިއަރެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

ސަރުކާރުން ކުރިޔަށްގެންދާ "24 ގަޑި އިރު ކަރަންޓު ޔަޤީން" މަޝްރޫޢުގެ ދަށުން ބ.އަތޮޅު ދަރަވަންދޫގައި ތަރައްޤީކުރި އިންޖީނުގޭގެ އާ އިމާރާތް ހުޅުވާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 15 ވަނަދުވަހުއެވެ.

1100އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ދަރަވަންދޫއަށް މިހާރު ކަރަންޓް ފޯރުކޮށްދެމުންދަނީ 200 އާއި 400 އާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރަކުންނެވެ. ދަރަވަންދޫ އިންޖީނުގެއަކީ ސަރުކާރުން، ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ އިންޖީނުގެއެކެވެ.