ޚަބަރު

ރައީސް ނަޝީދުގެ މައްޗަށްކުރި ޓެރަރިޒަމްގެ ދަޢުވާ ބާޠިލުކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދެވަނަ ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލުކޮށްފިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛާ ހިސާން ހުޞައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދެވަނަ ޓެރަރިޒަމްގެ ދަޢުވާ ކުރިމިނަލް ކޯޓުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި މި ދަޢުވާއާގުޅިގެން ރައީސް ނަޝީދު ހައްޔަރުކުރުމަށް އެކޯޓުން ނެރެފައިވާ ޢަމުރުވެސް ކުރިމިނަލް ކޯޓުން ބާޠިލުކޮށްފައި ވާކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ދަޢުލަތުން ދެވަނަ ފަހަރަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނެވިއިރު، 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ނުރުހުމުގައި އާރަށަށް ގެންދިޔަ މައްސަލައިގައެވެ.

ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެވަނަ ދަޢުވާ ބާޠިލު ކުރިއިރު އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ޙައްޔަރުކުރި މައްސަލައިގައި އެމަނިކުފާނު މިހާރުވެސް ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައެވެ.