ސިޔާސީ

މަސީޙުގެ އިތުބާރުނެތްކަމުގެ މައްސަލަ އަންނަމަހުގެ 8 ވަނަ ދުވަހަށް އެޖެންޑާކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަންނަމަހުގެ 8 ވަނަ ދުވަހުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން މިކަން ހާމަކޮށްފައިވަނީ މަޖިލީހުގެ އަމީން ޢާންމު ސޮއިކުރައްވާ، މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 175 ވަނަ މާއްދާގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ލިބުމުން، އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި، މަޖިލީހުގެ ރައީސަށް ދޭންޖެހޭނެކަމަށެވެ. އަދި ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރީން އެކަން އެ މަޖިލީހަށް އަންގަންވާނެކަމަށެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ 175 ވަނަ މާއްދާގެ (ނ)ގައި ވަނީ މައްސަލައިގެ ނޯޓިސް އެރުވުމަށްފަހު އެ ނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ މުއްދަތު އެރުވުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 8 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް މަސީޙުގެ އިތުބާރުނެތް މައްސަލަ އެޖެންޑާކޮށްފައިވާކަމަށް މި ސިޓީގައި ބުނެފައިވެއެވެ.

މަސީޙުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފައި މިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ މަނިކުފާނު މަޤާމުން ދުރުކުރުމަށްޓަކާ، އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހެޅިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. 51 މެމްބަރުންގެ ސޮއިއާއެކު އިދިކޮޅު ފަރާތްތަކުން މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މިއަދު މެންދުރުކުރީ ވަގުތެއްގައެވެ. މިއީ މަސީޙުގެ އިތުބާރުނެތް މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި 3 ވަނަ ފަހަރެވެ.