ސިޔާސީ

މަޖިލީހުގެ ރައީސް މަޤާމުން ދުރުކޮށްފިނަމަ، އެމަޤާމަށް ކުރިމަތިލާނަން - ޢަބްދުއްރަޙީމް


ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝަޢުގުވެރިކަން ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ޢަބްދުއްރަޙީމް ފާޅުކުރައްވާފައި މިވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި މިވަގުތު ހުންނެވި ޢަބްދުﷲ މަސީޙު މުޙައްމަދު އެ މަޤާމުން ދުރުކުރުމަށް، އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 51 މެމްބަރުންގެ ސޮއާއެކުއެވެ. މީގެ ތެރޭގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ އިތުރުން، މަސީޙު ނިސްބަތްވެވަޑައިގަންނަވާ ޕީ.ޕީ.އެމްގެ މެމްބަރުންނާއި، އެމް.ޑީ.އޭގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މިކަމާއި ގުޅިގެން ޢަބްދުއްރަޙީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މަސީޙު ބޭރުކޮށްފިނަމަ، އެމަޤާމަށް ވާދަކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އެމަނިކުފާނު އިތުރު ތަފުޞީލެއް ދެއްވާފައެއްނުވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެން ނާކާމިޔާބީއާއި ގުޅިގެން އެމަނިކުފާނު ދޫކުރައްވާ ޕާޓީގެ މެމްބަރުންތައް ވަޑައިގަންނަވަން އުޅުއްވާކަމަށް އަޑުތައް ފެތުރެމުންދަނިކޮށް ޢަބްދުއްރަޙީމްވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙު ކޮންމެ ގޮތަކަށް ބަދަލުވިނަމަވެސް، ރައީސް ޔާމީނުގެ ފަހަތްޕުޅުގައި އަބަދުވެސް ސާބިތުވެ ހުންނަވާނެކަމަށާއި، ރައީސް ޔާމީނާމެދު އަބަދުވެސް ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައިގަ ނޯޓިސްދީ އަންނަ މަހު އަށްވަނަ ދުވަހަށް މަޖިލީހަށް އެޖެންޑާ ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.