ރާއްޖޭގެ ތަރައްޤީއަށް، ކުރަމުންދާ މަސައްކަތުގައި، ވަކިން ޚާއްޞަކޮށް ދެމިހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ޙާޞިލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިވެދޭނެކަމަށް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބު ޑރ އަރުވިންދު މާތޫރު ވިދާޅުވެއްޖެއެވެ.
ޑރ މާތޫރު މިހެން ވިދާޅުވީ ޔޫ.އެން ޑޭއާ ގުޅިގެން، އދ.އިން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ މަސައްކަތާ ބެހޭ ގޮތުން، ޕީއެސްއެމް ނިއުސާ ވާހަކަދައްކަވަމުންނެވެ.
ޔޫ.އެން ޑޭއާ ގުޅިގެން، އދ.އިން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބު، ޑރ އަރުވިންދު މާތޫރު، ޕީއެސްއެމް ނިއުސާ ވާހަކަދައްކަވަމުން ވިދާޅުވީ އދ.ގެ ހުރިހާ އިދާރާތަކުން ރާއްޖޭގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި ކަމާ ބެހޭ އިދާރާތަކާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމަށެވެ. ވަކިން ޚާއްޞަކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ޙާޞިލު ކުރުމަށް ކުރާ މަސައްކަތުގައި ކަމާބެހޭ ފަރާތްތަކާއެކު ސާބިތުކަމާއެކު މަސައްކަތް ކުރާނެކަމަށެވެ.
ޑަބްލިއުއެޗްއޯއިން ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ ތެރެއިން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރުމުގައާ، ޢާންމު ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމުގައި ދެމިހުންނާނެކަމަށް ޑރ މާތޫރު ވިދާޅުވިއެވެ.
އދ.ގެ ދަށުން ހިންގާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން - ޑަބްލިއު.އެޗް.އޯ، ޔުނައިޑަޓް ނޭޝަންސް ޑެވެލޮޕްމަންޓް ފަންޑު – ޔޫ.އެން.ޑީ.ޕީ، ޔުނައިޑަޓް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްރަންސް އެމަޖަންސީ ފަންޑު – ޔުނިސެފް އަދި ޔުނައިޑަޓް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް – ޔޫ.އެން.އެފް.ޕީ.އޭއިން ދަނީ ރާއްޖެގެ ތަރައްޤީއަށްޓަކާ، ޤައުމުގެ ކަމާބެހޭ ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
1965 ވަނަ އަހަރުން ފެށިގެން ޑަބްލިއުއެޗްއޯއިން ދަނީ ބަލިތައް ކޮންޓްރޯލްކުރުމާ، ޞިއްޙީ ދާއިރާގެ ޢުމްރާނީ އަދި އިންސާނީ ވަޞީލަތް ބިނާކުރުމުގައި ރާއްޖެއަށް މާލީ އަދި ފަންނީ ގޮތުން އެހީތެރިވެދެމުންނެވެ.
އދ.ގެ މެންބަރަކަށް ވީއްސުރެ ރާއްޖެއިން ދަނީ އދ.ގެ ކުރީ ސަފުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރުމާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ބާރުއެޅުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާއަށްވެސް އދ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ، ތިމާވެށި ޙިމާޔަތްކުރުމާ، ޒުވާނުން ކުރިއެރުވުމާ، އަންހެނުންނާ ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކުރުމުށާއި ،އަދި މިންތީގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައިވެސް އދ.ގެ އެޖެންސީތަކުން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.
އދ. ދުވަހާ ގުޅުވައިގެން ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުތަރޭޝް ނެރުއްވި ޚާއްޞަ ވީޑީއޯ މެސެޖުގައި ވިދާޅުވީ އިންސާނީ ހައްޤުތަކަށް ވަކާލާތުކޮށް، އެހައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތަކީ އެއްވެސް ޙާލެއްގައި ހުއްޓާލެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އަދި ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާއެކުވެސް އިންސާނީ ޙައްޤުތައް ކަށަވަރުކުރުމާ، ހަމަހަމަކަމާ ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ފަހަތައް ޖެހެވެން ނެތްކަމަށެވެ.
24 އޮކްޓޫބަރަކީ އދ. ދުވަސް ނުވަތަ ޔޫ.އެން ޑޭގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1948ވަނަ އަހަރުން ފެށިގެނެވެ. މިދުވަސް ފާހަގަކުރަނީ 1945ވަނަ އަހަރު އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި ބާރުއަޅާ އދ.ގެ ޤަރާރު ވުޖޫދަށް އައުމާ، އިދާރާގެ ކާމިޔާބީތަކާ، ލަނޑުދަޑިތަކަށް ފާހަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށް ޖެނީވާގައި ހުންނަ އދގެ މައި އޮފީހުގައި "ޕީޕަލް އޮން ދަ މޫވް"ގެ ނަމުގައި ފޮޓޯ މަޢުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ދިވެހިރާއްޖެ އދ.ގެ މެންބަރަކަށް ވެފައިވަނީ 1965ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވާ ޔޫއެންގެ އިދާރާކަމުގައިވާ ޑަބްލިއުއެޗްއޯގެ ޙަރަކާތްތައްވެސް ރައްޖޭގައި ރަސްމީކޮށް ފަށާފައިވަނީ 1965 ވަނަ އަހަރެވެ.