ޚަބަރު

ބ. ކިހާދޫން 27 ގޯތި ދޫކުރުމަށް ނިންމައިފި


ބ. ކިހާދޫން 27 ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކިހާދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ފަޒީލް ވިދާޅުވީ ގޯޗައް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު 18 އަަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްވެސް ހުޅުވާލާނެކަމަށެވެ. އެހެންނަމަވެސް ގޯތިދޫކުރުމުގައި ކިހާދޫގައި ދިރިއުޅޭ އާއިލާތަކަށް އިސްކަން ދޭނެކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ބ. ކިހާދޫން ގޯއްޗަށް އެދޭ ފޯމް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އެރަށު ކައުންސިލުން ދޫކުރަން ފަށާނެކަމަށާއި، އަދި ފޯމް ބަލައިގަތުން މިއަހަރުގެ ޑިސެމްބަރު މަހުގެ 1 އިން 30 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ކިހާދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ގޯއްޗަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތްތަކަށް އިސްކަންދީގެންކަމަށާއި، ގޯތި ދޫކުރާނީ މަދުވެގެން 50 ޕޮއިންޓް ލިބޭ މީހުންނަށް ކަމަށެވެ.

ކިހާދޫން ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އެ މީހެއްގެ އަމިއްލަ ނަމުގައި ގޯއްޗެއް ރަޖިސްޓްރީވެފައި ނެތުމާއި، ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން ހިމެނެއެވެ. މީގެއިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުމާއި، މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ، މިތަން ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭކަމަށް ކިހާދޫ ކައުސިލުން ބުނެއެވެ.

އާބާދީގައި 492 މީހުން ދިރިއުޅެމުން އަންނަ ކިހާދޫން އެންމެފަހުން ގޯތި ދޫކޮށްފައިވަނީ 2013 ވަނަ އަހަރު ޑިސެމްބަރުމަހުއެވެ.