ޚަބަރު

އައްޑުއާއި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް ޔޫއެންޑީޕީގެ "ޔޫތު ވިޝަން" ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު


އައްޑުއާއި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް ޔޫއެންޑީޕީގެ "ޔޫތު ވިޝަން" ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ފަންޑް (ޔޫއެންޑީޕީ) އިން ބުނީ ރާއްޖޭގެ އެންމެ ދެކުނަށް ނިޞްބަތްވާ ޒުވާނުންނަށް ޢަމާޒުކޮށް މިޙަރަކާތުގެ ޚާއްޞަ ވޯކްޝޮޕެއް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ ސައްބީހުން އަށާވީސް ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލައް ސިޓީގައިކަމަށެވެ.
އަދި ތިން ދުވަހުގެ މުއްދަތަކައް ކުރިޔަށްގެންދާ މިވޯކްޝޮޕުގައި ބައިވެރިވާން ބޭނުންވާ އުމުރުން އަށާރަ އަހަރާއި ތިރީސް އަހަރާއި ދެމެދުގެ ޒުވާނުންނަށް މީގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ޔޫއެންޑީޕީން ބުނެއެވެ.

"ޔޫތު ވިޝަން" ޙަރަކާތުގެދަށުން ފުވައްމުލައް ސިޓިގައި ބާއްވާ މި ވޯކްޝޮޕުގެ ބޭނުމަކީ، އެދެ ސިޓީގެ ޒުވާނުންގެ މެދުގައި ހުރި އެކިކަހަލަ މައްސަލަތަކާއި، ދިރިއުޅޭ މާހައުލުގަޔާއި، އިޖުތިމާޢީ ގޮތުން ޒުވާނުންނަށް ދިމާވާ ދަތިތަކާއި، ޤައުމާއި މެދު ޒުވާނުންގެ ހުރި ތަޞައްވަރާއި، ކުރިމަގު ބައްޓަން ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން ޒުވާނުންގެ މެދުގައި މަޝްވަރާކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުންކަމުގައި ޔޫއެންޑީޕީން ބުނެއެވެ.

އެގޮތުން މި ވޯކްޝޮޕްގެތެރެއިން، މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މުޅިން ތަފާތު ގޮތަކަށް ތަޖުރިބާކާރު ފަންނާނުންގެ އެހީތެރިކަމާއެކުގައި ކަމަށާއި، ބައިވެރިންގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި އަމިއްލަ ތަޖުރިބާ ޙިއްސާކުރާނީ "ކްރީއޭޓިވް އާރޓް" ޕީސް އެއްގެގޮތުގައި ކަމަށް ޔޫއެންޑީޕީން ބުނެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވާ ޒުވާނުންނަށް "ކްރިއޭޓިވް އާޓް" ސެޝަން ގައި ބޭނުންވާ ހުރިހާ ވަޞީލަތެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޔޫއެންޑީޕީންނެވެ. އަދި އާޓުގެ ހުނަރު ނެތް ނުވަތަ މީގެކުރިން އެފަދަ ޙަރަކާތެއް ތަޖުރިބާކޮށްފައި ނުވާ ޒުވާނުންނަށްވެސް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ޔޫއެންޑީޕީން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީން މިވޯކްޝޮޕްގައި ބައިވެރިވާ ޒުވާނުންނަށް ވޯކްޝޮޕުގައި ބައިވެރިވުމާއި، އަދި ފުވައްމުލައް ސިޓީގައި ހޭދަވާ ދުވަސްވަރު ބޭނުންވާ ހުރިހައި ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޔޫއެންޑީޕީގެ ބަޖެޓުންނެވެ.

ޔޫއެންޑީޕީން "ޔޫތްވިޝަން" ގެ ނަމުގައި ކުރިޔަށްގެންދާ މިޙަރަކާތް މިފަހަރު އައްޑުއާއި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް ކުރިޔަށްގެންދިޔަނަމަވެސް، މުތަޤުބަލުގައި ހދ ކުޅުދުއްފުއްޓާއި، ގދ ފަރެސްމާތޮޑާއާއި، މާލޭ ޞަރަޙައްދުގެ ރަށްތަކުގެ ޒުވާނުންނަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޔޫއެންޑީޕީން ބުނެއެވެ.